ENGLISH

27 ނޮވެމްބަރު 2025

Advertisement

ކުޅުދުއްފުށީ ކައުންސިލުގެ މަޝްރޫއުތަކަށް އެއް އަހަރު ތެރޭ 103 ވޭރިއޭޝަން؛ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް

27 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ކުޅުދުއްފުށީގެ މޭޔަރު އާތިފު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެއްބަސްވުންތަކަށް 2025 ވަނަ އަހަރު 103 ވޭރިއޭޝަން ގެނެސްފައިވާކަން ހާމަކުރައްވަައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޖިހާދު ގިނަ ތުހުމަތުތަކެއް ކައުންސިލަށް އަމާޒުކުރައްވައިފިއެވެ. 

ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓުގައި ޖިހާދު ވިދާޅުވީ ބައެއް ވައްކަމަކީ ފާޅުގައި ކުރާ ކަންކަން ކަމަށާއި، ދެފުށް ފެންނަ ގޮތުގައި ހުރިހާ ކަމެއް ހާމަކުރުމަކީ ވައްކަންނުކުރުމުގެ ހެއްކެއް ނޫން ކަމަށާއި، ބައެއްފަހަރު ހުރިހާ ކަމެއް އާއްމުކުރަނީ ވައްކަން ފޮރުވައި އޮޅުވައިލުމަށް ކަމުގެވެ. 

އެގޮތަށް ހާމަކަން ބޮޑު ގޮތުގައި ހިންގާ ކޮރަޕްޝަނުގެ މިސާގެ ގޮތުން ޖިހާދު ފާހަގަކުރެއްވީ ބީލަމަށް ހުޅުވާލައިގެން އެންމެ ކުޑަ އަގުގައި މަޝްރޫއު ނަގާ ކުންފުނިތަކަށް ފަހުން އިތުރު ފައިސާ ލިބޭ ގޮތަށް އަދި މަޝްރޫއުގެ މުއްދަތު އިތުރުވާ ގޮތަށް އެއްބަސްވުންތަކަށް ގެންނަ ބަދަލުތައް ނުވަތަ ވޭރިއޭޝަނެވެ. މިއީ ދުނިޔޭގައިވެސް ކޮރަޕްޝަން އެންމެ ގިނައިން ހިންގާ އެއްގޮތް ކަމުގައި ޖިހާދު ވިދާޅުވިއެވެ. 

"ރިއޭޝަންގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާތަކެއް ނުވަތަ ފައިދާތަކެއް އެކިގޮތްގޮތުން ނަހަމަ ގޮތުގައި ކުންފުނިތަކަށް ދިނުމަކީ ނާޖައިޒް ފައިދާ ހޯދުމަށް ވަރަށް ގިނަ މުއައްސަސާތަކުން ކުންފުނިތަކާ ގުޅިގެން ކުރާ ކަމެއް.،" ޖިހާދު ތުހުމަތުކުރެއްވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން މިހިނގާ 2025 ވަނަ އަހަރު ޕްރޮޖެކްޓް ވޭރިއޭޝަންގެ ގޮތުގައި 100 އަށްވުރެ ގިނަ ވޭރިއޭޝަން ފާސްކޮށްފަައިވާ ކަމަށާއި، އެއިން 77 ވޭރިއޭޝަނެއް ގެނައީ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށްކަމަށާއި، 26 ވޭރިއޭޝަން ގެނެސްފައިވަނީ އަގަށް ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. 

އެގޮތުން މުއްދަތު އިތުރުކުރުމަށް ފާސްކުރި ވޭެރިއޭޝަންތަކުން އެއްބަސްވންތަކަަށް 3،098 ދުވަސް ނުވަތަ 8 އަހަރާއި ފަސް މަހާއި 28 ދުވަސް އެއްބަސްވުންތަކަށް އިތުރުކޮށްފައިވާއިރު، އަގަށް ބަދަލު ގެނައުމަށް ގެނައި ވޭރިއޭޝަންތަކުން އެއްބަސްވުންތަކަށް 1،491،492.096 ރުފިޔާ އިތުރުކޮށްފައިވާކަމަށް ޖިހާދު ވިދާޅުވިއެވެ. 

އެ ވޭރިއޭޝަންތަަކުގައި ހުރި ބައެއް މައްސަލަތައް އޭނާވަނީ ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ. އެ މައްސަލަތަކުގެ ތެރޭގައި: 

- އެއް ކޮންޓްރެކްޓަރުންތަކަކަަށް ގިނަ އަދަދެއްގެ ވޭރިއޭޝަން ހަދައިދީފައި ހުރުން 

- ހިންގާފައިވާ ގިނަ ޕްރޮޖެކްޓްތަކުގައި ކޮންމެވެސް ވޭރިއޭޝަންއެއް ހިމެނިފައިވުމާއި، އެއް ޕްރޮޖެކްޓަކަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ވޭރިއޭޝަން ގެނެވިފައިވާކަން

- ބިޑް ކޮމިޓީއަށް ކައުންސިލަރުންގެ ނުފޫޒު ފާވެފައިވުމުގެ ފުރުސަތު ފެންނަން އޮތުން

-  ވޭރިއޭޝަންތަކަކީ ދިވެހިރާއްޖޭގައި ނާޖައިޒު ގޮތުގައި ފައިދާނަގަން އެންމެ ގިނައިން ބޭނުންކުރާ އެއް ގޮތް ކަމަށްވާއިރު އަހަރެއްގެ ތެރޭގައި 103 ވޭރިއޭޝަން ފާސްކޮށްފައި އޮތުމަކީ ރައްޔިތުންނާއި ދައުލަތުގެ ކަމާ ބެހޭ މުވައްސަސާތަކުން މިކަމާ ސުވާލު އުފައްދަން ޖެހޭ ކަމެއްކަން

- ވޭރިއޭޝަންތަކަކީ އޭގައި ޕޮލިޓިކަލް ފޭވާސް އާއި ބެނެފިޓްސް އަދި ކޮމިޝަނާއި ރިޝްވަތު ވަރަށް ބޮޑަށް ހިމެނުމުގެ ފުރުސަތު އޮތް އެއްޗެއްކަން.

- ޕްރޮޖެކްޓްތައް ޕްލޭން ކުރުމުގައި ހުރި ދޯހަޅިކަން އަދި އިންއެފިޝިއެންޓްކަން

- ބައެއް ކޮންޓްރެކްޓަރުންނަށް ދެތިން ޕްރޮޖެކްޓެއްގެ ތެރެއިން 14 އަށްވުރެ ގިނަ ވޭރިއޭޝަން އެވާޑްކޮށްފައިވާކަން

- ޕްރޮޖެކްޓަކަށް ވޭރިއޭޝަން ގެނައުމަކީ އެކަމުން ރައްޔިތުންގެ ފައިސާއިން އެތައް ގުނައެއް ޚަރަދު ބޮޑުވާކަމެއްކަން

- ޕްރޮޖެކްޓްތަކުގެ ގަވާނަންސް އަދި ސްޕަވިޝަންއާއި ޕްލޭނިންއާ މެދު އެތައް ސުވާލެއް އުފޭދޭކަން

ކައުންސިލަށް ގްރާންޓުގެ ގޮތުގައި ދައުލަތުން 50 މިލިއަން ރުފިޔާ ދޭއިރު، މި އަހަރަށް ބަޖެޓުގެ ގޮތުގައި 127 މިލިއަން ރުފިޔާގެ ބަޖެޓެއް ކުޅުދުއްފުށީ ކައުންސިލުން ކަނޑައަޅާފައި އޮތްކަމަށް ޖިހާދު ވިދާޅުވިއެވެ. އެއީ ގްރާންޓުގެ އިތުރަށް ކައުންސިލަށް އެކި ގޮތްގޮތުން ލިބޭ އާމްދަނީ ހިމަނައިގެން އެކުލަވަައިލި ބަޖެޓެއްކަން ފާހަގަކުރައްވައި އޭނާވަނީ ބަޖެޓުން ކުރެވެނު ކަންކަމާމެދު ސުވާލު އުފައްދަވާފައެވެ. 

"ސްނާލަން ޖެހޭ ކަމަކީ މިފަދަ ބޮޑެތި ބަޖެޓްތަކުން އާންމު ރައްޔިތުންގެ ޖީބަށް ބޮޑުކުރަން ހިންގުނީ ކޮން ޕްރޮޖެކްޓެއްތޯ؟ ކުޅިވަރު ކުޅުމާއި، ޕާކް ހެދުމާއި މައިޒާން ހެދުމާއި، ލޭންޑް ސްކޭޕިންއާ މަރާމާތު ވެސް މުހިންމު. ނަމަވެސް އާންމު ރައްޔިތުންގެ ޖީބަށް ފައިދާވާ ކަހަލަ ކޮންކަމެއްތޯ ކުރެވުނީ؟ ކުޅުދުއްފުށީގެ އިޤްތިސާދު ރަނގަޅުކުރަން ކޮން ކަމެއްތޯ ކުރެވުނީ؟ ޓޫރިޒަމް އެޑްވައިޒަރީ ބޯޑެއް ހެދުން ނަމަވެސް ޓޫރިޒަމް ޑެސްކެއް ބަހައްޓާ ނުލެވި ލޯކަލް ޓޫރިޒަމްގެ މަންފާ ލިބޭނެގޮތެއް ހަދާ ނުލެވި މި ދަނީ އަޅެ ކީއްވެތޯ؟،" ބޮޑު ބަޖެޓާއެކު ނުކުރެވި ހުރި ކަންކަން ފާހަގަކުރައްވަމުން ޖިހާދު ވިދާޅުވިއެވެ. 

"މިހާރުވެސް މި ކުޅުދުއްފުށީގައި އެންމެ ފަޤީރު ހާލަތުގައި އުޅޭ 100 އަށް ވުރެ ގިނަ އާއިލާ އެބަ އުޅޭ. މިއީ ދުވާލަކު އެއް ފަހަރު ވެސް ރަނގަޅަށް ކާލައިގެން އުޅެވޭ އާއިލާތަކެއް ނޫން. ލިޔަންކިޔަން ނޭނގޭ 300 އެއްހާ ކުދިން އެބަ އުޅޭ. މިފަދަ އާއިލާތަކާ މިފަދަ އެންމެ ހާލުގައި އުޅޭ ރައްޔިތުންނަށްޓަކާ އަޅުގަނޑުމެންނަށް ކޮށްދެވުނީ ކޮންކަމެއްތޯ އެބަ ސުވާލު ކޮށްލަންޖެހޭ. އަދި އަޅުގަނޑުމެން އާންމު ރައްޔިތުންގެ ޖީބުތައް މުއްސަނދި ކޮށްދިނުމަށްޓަކައި ކޮށްދެވުނީ ކޮންކަމެއްތޯ ސުވާލުކޮށްލަން ޖެހޭ.،" 

އަދި ސިޓީ ކައުންސިލުން ކުޑަކުޑަ ކަންތައްތަކެއް ކުރުމަށްފަހު ސެލިބްރިޓީ ހެދިގެން އުޅެ، މޮޅަަށް ވާހަކަދެއްކުމަކީ ކާމިޔާބު މިންކުރަންޖެހޭ މިންގަނޑުގެ ގޮތުގައި ބަލައިފިނަމަ ހަލާކުވެދާނެ ކަމުގައި އިންޒާރުކުރައްވަމުން، ޖިހާދު ވިދާޅުވީ  ދެތިން ކުޅިވަރު މުބާރާތަކާއި ޕާކްތަކާއި، މައިޒާންތަކާ ހަދާދިނީމާ ލޯ ކަނު، ބީރު މަންމަން ބަޔަކަށް ވެއްޖެނަމަ ނިކަމެތިވެ ފަނާވެދާނެ ކަމުގައި ނައިބުވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު