ENGLISH
27 ނޮވެމްބަރު 2025
ސަރުކާރުގެ މާލީ އިސްލާހުތަކަށް މޫޑީސްގެ ތާރީފު؛ އުނދަގޫތަކުން ހޯދުނު ބޮޑެތި ކާމިޔާބުތައް
27 ނޮވެމްބަރު 2025
|
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ހިފަހެއްޓުމާއެކު ރާއްޖޭގެ މާލީ އަދި އިގުތިސާދީ މުސްތަގުބަލާމެދު ދެކޭ ގޮތް ނެގެޓިވްއިން ސްޓޭބަލްއަށް ބަދަލުކުރިއިރު ފާއިތުވި ދެ އަހަރު ތެރޭ ސަރުކާރުން ތަންފީޒުކުރި މާލީ ސިޔާސަތުތަކުން އެދެވޭ ނަތީޖާތަކެއް ނެރެވިފައިވާކަން ފާހަގަކޮށް އެ ސިޔާސަތުތަކަށް ތާރީފުކޮށްފިއެވެ.
އެގޮތުން ބޭރު ފައިސާގެ ލިކުއިޑިޓީގެ ހިރާސްތައް ނުވަތަ ސަރުކާރުގެ އަތުގައި ބޭރު ފައިސާ ހުރި މިންވަރުގެ ހިރާސްތައް ފާއިތުވި މުއްދަތުގައި ކުޑަކުރެވިފައިވާކަން މޫޑީސްއިން ފާހަގަކުރިއެވެ. ހާއްސަކޮށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރި މިންވަރު އިތުރުވެފައިވާކަން މޫޑީސްގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
މޫޑީސްއިން ފާހަގަކުރި ގޮތުގައި 2024 ވަނަ އަހަރު ބޭރު ފައިސާގެ ބަފާތައް ވަރަށް ބޮޑަށް އަޑިއަޅައިލިއެވެ. އެގޮތުން ދައުލަތުގެ ރަސްމީ ރިޒާވް ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މި އަހަރު އެ ހާލަތު ބަދަލުވެ ދައުލަތުގެ ރަސްމީ ރިޒާވް އަދި އެސްޑީއެފްގައި ރައްކާކުރެވިފައި ހުރި ބޭރު ފައިސާގެ އެސެޓުތައް އިތުރުވެފައިވާކަން ފާހަގަކުރިއެވެ.
އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 859 މިލިއަން ޑޮލަރު ރަސްމީ ރިޒާވްގައި ހުރިކަމަށާއި، އެއީ ތިން މަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރުގެ ފައިސާ ކަމުގައި މޫޑީސްއިން ފާހަގަކުރިއެވެ. އެއީ ސެޕްޓެންބަރު 2024 ގައި ރަސްމީ ރިޒާވްގައި ހުރި 364 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްކަން މޫޑީސްއިން ފާހަގަކުރިއެވެ.
2024 ވަނަ އހަރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރީ 15 މިލިއަން ޑޮލަރު ނަމަވެސް މި އަހަރުގެ ނޮވެންބަރު 9 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑުގައި 126 މިލިއަން ޑޮލަރު އެބަހުރިކަމަށް މޫޑީސްއިން ބުނެފައިވެއެވެ.
ރިޒާވްއާއި އެސްޑީއެފްގައި ރައްކާކުރެވިފައި ހުރި ބޭރު ފައިސާގެ އަދަދު ނިމުނު އަހަރަށްވުރެ ބޮޑުތަނުން އިތުރުވުމަކީ ދައުލަތުން ކުރު މުއްދަތުގައި ދައްކަންޖެހިފައިވާ ދަރަނި އަދާކުރުމަށް ފަސޭހަވާނެ އެކަމުގައި ރާއްޖެއަށް އޮތް އިތުބާރު އިތުރުވާނެ ކަމެއް ކަމުގައި މޫޑީސްއިން ގަބޫލުކުރެއެވެ.
މޫޑީސްއިން ފާހަގަކުރި ގޮތުގައި މި އަހަރު ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ރިޒާވްއާއި އެސްޑީއެފްގައި ރައްކާކުރެވިފައިވާ ބޭރު ފައިސާ ގިނަވީ ސަރުކާރުން އެޅި އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ޑޮލަރުން ދައުލަތަށް ދައްކަންޖެހޭ ބައެއް ފީތަކާއި ޓެކުސްތަކުގެ ރޭޓަށް ނިމުނު އަހަރު ގެނައި ބަދަލު ފާހަަކުރިއެވެ.
އެ އިސްލާހުތަކުގެ ސަބބުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 1.2 ބިލިއަން ޑޮލަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބުނުކަމަށާއި، އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ބޭރު ފައިސާއިން ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 39 އިންސައްތަ އިތުރު އަދަދެއް ކަމުގައި މޫޑީސްއިން ބުނެފައިވެއެވެ.
އޭގެ އިތުރަށް ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލާއެކު ޓޫރިޒަމް ވިޔަފާރިތަކާއި ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ އެހެނިހެން ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހުމަކީވެސް ބޭރު ފައިސާގެ ލިކުއިޑިޓީ ނުވަތަ އިގުތިސާދުގައި ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުވުމަށް މެދުވެރިވި ސަބަބެއް ކަމުގައި އެ އެޖެންސީން ފާހަަގަކޮށްފައިވެއެވެ.
އިތުރަށް މޫޑީސްއިން ފާހަގަކުރީ ބޭރު ފައިސާއިން މާލީ އެހީ ހޯދުމުގައި ކާމިޔާބުތަކެއް ސަރުކާަރުން ހާސިލުކޮށްފައިވުމެވެ. އެގޮތުން އިންޑިޔާއިން ދީފައިވާ ޑޮލަރުން އަނބުރާ ދައްކަންޖެހޭ ބައެއް ލޯނުތައް ދެއްކުން ފަސްކޮށްދިނުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖެހުމާއި، 565 މިލިއަން ޑޮލަރުގެ އަގުހުރި ކްރެޑިޓް ލައިނެއް ޖޫން މަހުގައި ހަމަޖެހުމަކީ ފައިސާ ހޯދުމުގައި ލިބުނު ކާމިޔާބުތަކެއް ކަމުގައި ފާހަގަކުރިއެވެ.
އެ އެޖެންސީން ބުނެފައިވާ ގޮތުން މިފަދަ އެހީތަކެއް ހޯދުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރުން ފައިނޭންސް ހޯދުމުގެ ހިރާސްތަކާއި ދަތިތައް ކުޑަކުރެވޭ ކަމުގެ އަލާމާތެކެވެ. ހާއްސަކޮށް ބައިނަލްއަހުވާމީ މާލީ ބާޒާރުން ފައިސާ ހޯދުމަށް ދަަތި ދަނޑިވަޅެއްގައި އެކުވެރި ދައުލަތްތަކުން އެހީ ލިބުމަކީ ބާޒާރުން ފައިސާ ހޯދުމަށް އޮންނަ ފިއްތުން ކުޑަވާނެ ކަމެއް ކަމުގައި މޫޑީސްއިން ދެކެއެވެ.
މޫޑީސްއިން ބުނެފައިވަނީ ފާއިތުވި މުއްދަތުގައި ސަރުކާރުގެ މާލީ ޑެފިސިޓު ނުވަތަ ލިބޭ އާމްދަނީއާއި ކުރާ ހަރަދުގެ ފަރަގު ކުޑަަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި މާލީ ބުރަ ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން އޮކްޓޯބަރު މަހުގެ ނިޔަލަށް ކެޕިޓަލް ހަރަދުތައް މި އަހަރަށް ލަފާކުރާ ނޮމިނަލް ޖީޑީޕީގެ 3.5 އިންސައްތައިގަ ހިފަހެއްޓިފައިވާކަން ފާހގަކުރިއެވެ. އެއީ ނިމުނު އަހަރަށްވުރެ ދެބައިކުޅަ އެއްބައި ކުޑަ މިންވަރެކެވެ.
ނިމުނު އަހަރަށްވުރެ ގާތްގަނޑަކަށް 9 އިންސައްތައިން ދައުލަތުގެ އާމްދަނީ އިތުރުވެފައިވުމާއެކު ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވުމުގެ ސަބަބުން 2024 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 އިންސައްތައިގަ ހުރި ޑެފިސިޓ މި އަހަރު ނިމޭއިރު ހުންނާނީ ޖީޑީޕީގެ 5.0 އިންސައްތައާއި 5.5 އިންސައްތައާ ދެމެދުގައިކަމަށް މޫޑީސްއިން އަންދާޒާކުރެއެވެ.
މޫޑީސްއިން ފާހަގަކުރި ނުކުތާތަކަށް ބަލާއިރު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މިސްރާބު ހުރީ ރަނގަޅަށެވެ. ފެންނަނީ ދެމެހެއްޓެނެވި މިންގަނޑުތަކެއްގައި މާލީ ކަންކަން ހިފަހައްޓައި ރާއްޖޭގެ އިގުތިސާދު އަމާން މަންޒިލަކަށް ގެންދިއުމަށް ކުރެވޭ ދަތުރު ކާމިޔާބުވަމުންދާ ތަނެވެ. ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކޮށް، މާލީ ހިރާސްތައް ކުޑަކޮށް، މާލީ ގޮންޖެހުންތަކަށް ނިޒާމީ ހައްލުތައް ހޯދަމުންދާ މަންޒަރެވެ. އެކަން ދުނިޔެއިންވެސް މިދަނީ ބަލައިގަަންނަމުންނެވެ.