ENGLISH
27 ނޮވެމްބަރު 2025
ކައުންސިލަރުން މަދުކުރަން ހުށަހެޅި އިޞްލާޙު މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025
|
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާޙް ހުށަހެޅުއްވި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް. --ފޮޓޯ: މަޖިލިސް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް މަޖިލީހުން ގެނައި އިޞްލާހު މިއަދު ފާސްކޮށްފިއެވެ.
ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެންނަން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙުއެވެ. ހުށަހެޅި އިޞްލާޙު ފާސްކުރުމާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު މަދުވާނެއެވެ.
މިއަދުގެ ޖަލްސާގައި ބިލް ފާސްކުރަން ފެނިވަޑައިގަންނަވާކަމަށް 54 މެންބަރުން ވޯޓުދެއްވިއެވެ. ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މެންބަރު ފަލާޙު ހުށަހެޅުއްވި އިޞްލާޙުގައި ފާހަގަކޮށްފައިވާ އެއް ބަދަލަކީ 2000 މީހުންނަށް ވުރެ ކުޑަ އާބާދީތަކަށް ތިން ކައުންސިލަރުން އިންތިޚާބުކޮށް، އެއަށްވުރެ ބޮޑެތި އާބާދީތަކަށް ފަސް ކައުންސިލަރުން އިންތިޚާބު ކުރުމެވެ.
ތިން ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގައި އަންހެނުންނަށް އެއް ގޮނޑި ޚާއްސަކުރަން ޖެހެ އެވެ. ފަސް ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގައި އަންހެނުންނަށް ދެ ގޮނޑި ޚާއްސަކުރަން ޖެހެ އެވެ.
އާ އިޞްލާޙުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ފުލްޓައިމްކޮށް މަސައްކަތް ކުރާނީ ކޮމިޓީގެ ރައީސް އެވެ. ކޮމިޓީގެ ރައީސް ހޮވާނީ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
އިތުރު ބަދަލުތަކަށް ބަލާއިރު މާލެ ސިޓީގައި އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 19 އިން 16 އަށް މަދުކުރުމަށް ވަނީ ހިމަނައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު މާލެ ސަރަޙައްދު ތަމްސީލުކުރައްވާ މެންބަރުންގެ އަދަދަކީ ވެސް 16 އެވެ.
ފުވައްމުލަށް ސިޓީއަށް އިންތިޚާބުކުރާނީ މޭޔަރުގެ އިތުރުން 8 ކައުންސިލަރުންނެވެ. ބާކީ ސިޓީތަކުގައި، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލެއްގައި، މޭޔަރާ އެކު ތިބޭނީ ހަތް ކައުންސިލަރުން ކަމަށް ފާސްކުރި އިޞްލާޙުގައި ބުނެފައިވެއެވެ.