ENGLISH

27 ނޮވެމްބަރު 2025

Advertisement

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭން ޤާނޫނު އިސްލާހު ކުރަން ހުށަހަޅައިފި

27 ނޮވެމްބަރު 2025

|

ހަސަން އާމިރު

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް.

ދިވެހި ރާއްޖޭގައި ނައިބު ރައީސްކަން ކުރައްވާފައިބާ ބޭފުޅުންނަށް އިނާތް ދިނުމަށް ޤާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް އިނާޔަތް ލިބޭ ގޮތަށް ފުރަތަމަ ފަހަރަށް ގާނޫނަށް އިސްލާހު ހުށަހެޅީ  ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު އެވެ. ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން ވަނީ މިއަދުގެ މަޖީލީހުގެ ތަޅުމުގައި އިއްވައިފަ އެވެ. އަދި ޤާނޫނު ނަންބަރު 9/2009 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނައިބު ރައީސުންގެ ރައްކާތެރިކަމާއި އިނާޔަތުގެ އެއްވެސް ބާބެއް ގާނޫނުގައި ކުރިން ނެތް ނަމަވެސް މިފަހަރު ހުށަހެޅި އިސްލާހުގައި ވަނީ އެ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު 25،000ރ. ދިނުމަށް ހުށަހަޅައިފަ އެވެ. އަދި ނައިބު ރައީސުންނަށް ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މަޖިލީހަށް ހުށަހެޅި އިސްލާހުގައި ބުނެފައިވާ ގޮތުގައި "ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހާ" ކަމަށް ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިޔާސަތުގެ ފަސް އަހަރު ދުވަހުގެ ދައުރެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުގެ ދައުރު ފުރިހަމަކޮށްފައިވާ މީހާއަށެވެ. އަދި ގާނޫނުގެ 10 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ މީހެއްގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް މި ގާނޫނުގެ ދަށުން ލިބިދެވޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވެއްޖެ ނަމަ، ނައިބު ރައީސްގެ އިނާޔާތްތައް ލިބިވަޑައިގަންނަވަނީ، ނައިބު ރައީސްކަމުގައި ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް ފައިސަލް ނަސީމަށް އެކަންޏެވެ. ދެން ތިއްބެވި ބޭފުޅުން ނައިބު ރައީސްކަމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވިފައެއް ނުވެ އެވެ.

ނައިބު ރައީސްކަން ކުރެއްވި އެހެން ބޭފުޅުން:

  • ޑރ. މުޙައްމަދު ވަޙީދު ހަސަން - ފަސް އަހަރުގެ ދައުރެއް ނައިބު ރައީސް ކަމުގައި ހަމަނުކުރައްވާ
  • މުޙައްމަދު ވަޙީދުއްދީން - ފަސް އަހަރުގެ ދައުރެއް ނައިބުރައީސް ކަމުގައި ހަމަނުކުރައްވާ
  • ޑރ. މުޙައްމަދު ޖަމީލް އަހުމަދު - ފަސް އަހަރުގެ ދައުރެއް ނައިބުރައީސް ކަމުގައި ހަމަނުކުރައްވާ
  • އަޙްމަދު އަދީބު - ފަސް އަހަރުގެ ދައުރެއް ނައިބުރައީސް ކަމުގައި ހަމަނުކުރައްވާ އަދި ޖިނާއީ ކުށްތަކެއްވެސް ވަނީ ސާބިތުވެފައި
  • ޢަބްދުﷲ ޖިހާދު - ފަސް އަހަރުގެ ދައުރެއް ނައިބުރައީސް ކަމުގައި ހަމަނުކުރައްވާ

ނައިބު ރައީސުންނަށް ދޭ އިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 300،000 ރުފިޔާ އަދި ނައިބު ރައީސުންނަށް ދޭ ބޭސްފަރުވާގެ ޚަރަދަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް އިސްލާހުގައި ވަނީ ލަފާކޮށްފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު