ENGLISH
26 ނޮވެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން ޖޭއެސްސީން ހުށަހަޅަނީ
26 ނޮވެމްބަރު 2025
|
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ފަނޑިޔާރުކަމުގެ ސުލޫކާ ހިލާފު އަމަލެއް ހިންގާފަައިވާކަން ސާބިތުވުމާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
މިއަދު ޖޭއެސްސީން ބުނެފައިވާ ގޮތުން ފަނޑިޔާރު ހުސައިން ފާއިޒު މަގާމުން ވަކިކުރަން ނިންމާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމެވުމުގައި ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް އަމަލުކުރެއްވިކަން ކޮމިޝަނުގެ ތަހުގީގަށް ސާބިތުވުމުންނެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު ފާއިޒުގެ އެ އަމަލަކީ ގާނޫނުއަސަސީގެ 142 ވަނަ މާއްދާގެ އިތުރަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ)އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި 2.1 އާއި 3.1 ގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފު އަމަލެއް ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ފާއިޒު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ނިންމާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.