ENGLISH

26 ނޮވެމްބަރު 2025

Advertisement

ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އާ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

26 ނޮވެމްބަރު 2025

|

ހަސަން އާމިރު

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު، އަތޮޅު ހޮސްޕިޓަލްގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އާ ޢިމާރާތުގެ މަސައްކަތް މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ފޯ ހެލްތު އަހުމަދު ޤާސިމް އެވެ. އަދި މަސައްކަތާ ހަވާލުވި ޕާފެކްޓް މަލަފެހި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޢިމާދު އެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލް ލަތީފް މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި އަލަށް ހަދާ އިމާރާތުގައި ސީޓީ އާއި އެކްސް ރޭ ރޫމުގެ އިތުރުން އަލްޓްރާސައުންޑް ސްކޭން އާއި ސްޕީޗް ތެރަޕީ ރޫމެއް ހިމެނޭނެ އެވެ. 

ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަސައްކަތުގެ އަގަކީ 4.9 މިލިއަން ރުފިޔާ އެވެ.

ރ. ދުވާފަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރުމަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ. 

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި މަސައްކަތާ ހަވާލުވި އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ހުސެއިން ތަސްމީން އެވެ. މި ރަސްމިއްޔާތުގައި ދުވާފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަލީ ބައިވެރިވެވަޑައިގެންނެވި އެވެ.

ދުވާފަރު ސިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން އޮަޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި އައިސީޔޫ، ނާރސް ސްޓޭޝަނަކާއި ޕްރޮސީޖާރ ރޫމެއްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމް އިމާރާތް ކުރާނެ އެވެ. 

ހަ މަސް ދުވަހު ތެރޭ ނިންމަން ޖެހޭ މި މަސައްކަތުގެ އަގަކީ 25.5 މިލިއަން ރުފިޔާ އެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ، ޢަބްދުﷲ ނާޒިމް އިބްރާހިމް އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވި އެވެ.


     





ކިޔުންތެރިންގެ ހިޔާލު