ENGLISH

26 ނޮވެމްބަރު 2025

Advertisement

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ހުށަހަޅާ ހުރިހާ މައްސަލައެއް ވިއުގައަކުން ބެލެހެއްޓޭނެ ގޮތް ޤާއިމްކޮށްފި

26 ނޮވެމްބަރު 2025

|

މަރިޔަމް ލީމް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަށް ހުށަހަޅާ ހުރިހާ މައްސަލަތަކެއް ފަސޭހަކަމާއެކު އެއް ވިއުގައަކުން ބެލެހެއްޓޭނެ އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމެއް ޤާއިމްކޮށްފިއެވެ.

މިއީ މި ވުޒާރާއިން ކުރިޔަށްގެންދާ "ހާލު ކިހިނެއް؟" އަދި "އިބަމަ" ޕްރޮގްރާމްގެ ތެރެއިން ދެނެގަނެވޭ އެހީތެރިކަން ބޭނުންވާ، ނާޒުކު ފަރާތްތަކުގެ މައުލޫމާތުތައް އެއް ވިއުގައަކުން ފެންނާނެހެން ބައްޓަންކޮށްފައިވާ ސިސްޓަމެކެވެ.

މި ވިއުގައިގެ އެހީގައި ވުޒާރާއަށް ހުށަހެޅޭ ހުރިހާ މައްސަލަތަކާ، ކުރިޔަށް ގެންދާ އެކިއެކި ޕްރޮގްރާމްތަކުން ދެނެގަނެވޭ ކޭސްތަކާއި، ވުޒާރާގެ އެކި ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތައް މޮނީޓަރ ކުރުމަށް ފަސޭހަވެގެންދެއެވެ. މީގެ އިތުރުން ފޯރުކޮށްދެވޭ ޚިދުމަތް އަވަސްކުރެވި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ބާރުއެޅިގެންދެއެވެ.

މީގެ ސަބަބުން ވަކިވަކި ގިންތި ހިމެނޭހެން ކޮންމެ ކްލައިންޓެއްގެ މަޢުލޫމާތު ބެލެހެއްޓުމަށާއި ކޮންމެ ކޭހަކާ ގުޅިގެން އަދާހަމައަށް ކުރެވިފައިވާ މަސައްކަތް ވަގުތުން ވަގުތަށް ބަލައިލެވުމަށް ފަސޭހަވެގެންދެއެވެ. އަދި މި ހުރިހާ ކޭހަކީ ވެސް ސިސްޓަމްގެ ތެރެއިން ރަނގަޅަށް މޮނިޓަރ ކުރެވޭ ކޭހެއްކަން ކަށަވަރުވެގެންދެއެވެ.

މި އިންފޮމޭޝަން ސިސްޓަމުގައި މައުލޫމާތު އެއްކުރެވިފައިވާނީ ރާއްޖޭގެ އާބާދީގައި ތިބި ދޮށީއުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތުވެސް އެއްވިއުގައަކުން ފެންނާނެ ގޮތަށެވެ. ހަމަ އެއާއެކު މި ސިސްޓަމުގައި ފަޤީރު އަދި ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތަކުގެ މައުލޫމާތު ފުރިހަމައަށް ރައްކާކުރެވިފައިވާނެކަމުގެ ޔަގީންކަން ވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު