ENGLISH

26 ނޮވެމްބަރު 2025

Advertisement

ދޮންބަންޑާރައިންގެ ހަޔާތްޕުޅަށް ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

26 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ދޮންބަންޑާރައިންގެ ފަގުޑިކޮޅު

މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ބޭއްވުމަށް އިއުލާންކޮށްފި އެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރި އިއުލާންގައި ބުނެފައިވަނީ، މި މުބާރަތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގެ މައިގަޑު މަޤުޞަދަކީ ދިވެހިންގެ މެދުގައި ދިވެހި ތާރީޚަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރުމެވެ. މީގެ އިތުރުން ހުރަވީ ދުވަހާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމާއި އެކަމަށް އަހުލުވެރިކުރުމުގެ އިތުރުން ދޮންބަންޑާރައިން މި ގައުމަށް ވެވަޑައިގެންނެވި ޤުރުބާނީއާއި ދޮންބަންޑާރައިންގެ ހަޔާތްޕުޅުން ލިބިދޭ ފިލާވަޅުތަކަށް އަހުލުވެރިކުރުވުން ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. 

އިއުލާނުގައި ބުނެފައިވަނީ މި މުބާރަތް ހުޅުވާލާފައިވަނީ ދެ ގިންތިއަށް ކަމަށެވެ. ފުރަތަމަ ގިންތީގައި ހިމެނެނީ 21 އަހަރާއި 21 އަހަރުން ދަށްކަމަށާއި އަދި ދެވަނަ ގިންތީގައި ހިމެނެނީ 21 އަހަރުން މަތީގެ މީހުންނެވެ.

ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމް ބިނާކޮށްފައި އޮންނަންވާނީ، ދޮންބަންޑާރައިންގެ ހަޔާތްޕުޅުގެ މައްޗަށް ކަމަށާއި، ކުރު ފިލްމްގެ ދިގުމިން ވާންވާނީ 10 މިނެޓާއި 15 މިނިޓަށް ފެތޭ އުފެއްދުމެއް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ވީޑިއޯ ކްލިޕަށް ނަމެއް ދިނުމާއެކު، ހުށަހަޅާ ފަރާތުގެ ނަންވެސް ވީޑިއޯގެ ފެށުމުގައި އޮންނަންވާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ހުށަހަޅާ ވީޑިއޯ ކްލިޕްގައި ހިމަނައިގެން ނުވާނެކަންތައްތައް ވެސް އެ ވުޒާރާއިންވަނީ އާއްމުކޮށްފަ އެވެ.

މި މުބާރާތު ކޮންމެ ގިންތިއަކުން 3،2،1 ވަނަ ހޮވުމަށް ވަނީ ނިންމާފައެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާއާއި ހަނދާނީ ލިޔުމަކާއި، ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާއާއި ހަނދާނީ ލިޔުމެއް ދިނުމަށް ނިންމާފައިވާއިރު ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާއާއި ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

ޝައުގުވެރިވާ ފަރާތްތަކުން 28 ޑިސެމްބަރު، 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އީމެއިލް އަށް ލިންކެއް މެދުވެރިކޮށް ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމް ހުށަހެޅުމަށް ވެސް އިއުލާންކޮށްފައިވެ އެވެ.

މި މުބާރާތުގެ ޤަވާއިދުގެ އިތުރުން ބައިވެރިވުމަށް އެދޭ ފޯމް އިޢުލާނާއެކު ވަނީ ހިމަނާފަ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި އެ ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ 7699595 ނަންބަރު ފޯނަށް ގުޅުމުން އިތުުރު މަޢުލޫމާތު ލިބޭނެކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު