ENGLISH
26 ނޮވެމްބަރު 2025
ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ރީބްރޭންޑް ކުރަނީ
26 ނޮވެމްބަރު 2025
|
ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތް ފެސިލިޓީއަކަށް ރީބްރޭންޑް ކުރަން ސޮއި ކުރުން--ފޮޓޯ:އެޗްޑީސީ
ކ. ގުރައިދޫގައި ގާއިމުކޮށްފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ޒަމާނީ ފެންވަރުގެ ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލުކޮށް، މުޅި މަރުކަޒު ރީބްރޭންޑް ކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ހެލްތުއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔާޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.
މި އެއްބަސްވުމުގެ ދަށުން، އެ މަރުކަޒު ޑިޒައިންކުރުމާއި، މަސައްކަތަށް ބޭނުންވާ ހުރިހާ ކަމެއް ރާވާ ހިންގާ ބަލަހައްޓާނީ އެޗްޑީސީންނެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއަކީ ސަރުކާރުން ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއަށް އިތުރުވެގެންދިޔަ މުހިއްމު މަސައްކަތެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ގުރައިދޫގައި މިހާރު ހިންގަމުންދާ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ދެމުންގެންދާ ހިދުމަތްތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެވިގެންދާނެއެވެ.އަދި ހަމަ މިއާއެކު ހަމައެކަނި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި، ފަރުވާ ލިބިގަންނަން އަންނަ ހުރިހާ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން ދުޅަހެޔޮކަން ހޯދާދިނުމުގެ މަގު ތަނަވަސްކޮށްދެވިގެން ދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި މަޝްރޫއަކީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެޗްޑީސީއާ ހަވާލު ކުރެވިފައިވާ މަސައްކަތެކެވެ.
ގައުމީ މުހިންމު މަޝްރޫއުތަކުގައި އެޗްޑީސީގެ ހިއްސާ އޮވެގެން އެ އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރުމަކީ އެޗްޑީސީން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ސިއްޙީ އަދި އިޖުތިމާއީ ގިނަ މަޝްރޫއުތަކުގައި އެޗްޑީސީން ދެމުން އަންނަ ފުރިހަމަ އެއްބާރުލުން ފާހަގަކުރެވެއެވެ.