ENGLISH
26 ނޮވެމްބަރު 2025
ދުންފަތުން ދުރުވާން ބޭނުންވާ މީހާއަށް އެކަމުގެ އެހީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް މިހާރު ލިބޭނެ: ނާޒިމް
26 ނޮވެމްބަރު 2025
|
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެކަމަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން މިހާރު ލިބޭނެ ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް މަޖިލީހުގެ ތަޅުމުގައި ޖަވާބުދެއްވަމުން ނާޒިމު ވިދާޅުވީ މީހުންގެ ސުލޫކު ބަދަލުކުރުމުގައި މުހިއްމު ތިން ކަމަކަށް އެޑްރެސްކުރަންޖެހޭނެކަމަށް އިލްމީ ދިރާސާތަކުން ފެންނާތީ އެކަންކަމަށް ވަރަށް ބޮޑަށް އިސްކަންދީގެން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ނާޒިމު ފާހަގަކުރެއްވީ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމެވެ. ޖެނެރޭޝަނަލް ބޭންގެ މައުލޫމާތު ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ދުވަހަަކުވެސް ފޯރުކޮށްދީފައިނުވާ މިންވަރަށް ތަފުސީލުކޮށް ފުޅާ ދާއިރާއެއްގައި މި ސަރުކާރުން ދުންފަތުން ލިބޭ ގެއްލުމުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އެކަމުން ދުރުހެލިވުމަށް ބޭނުންވާ އަމަލީ ތަމްރީނުތައް ފޯރުކޮށްދިނުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް މާލެއާއި އަތޮޅު ތެރޭގައި މިފަދަ ކަމަކާ ގުޅިގެން މީހުން ތަމްރީނުކުރުމަށް މަސައްކަތްކޮށްފައި ނެތް މިންވަރަށް މި ސަރުކާރުންވަނީ މަސައްކަތްކޮށްފައެވެ.
އަދި އެކަމަށް މީހުން ޝައުގު އުފެއްދުމަށާއި، ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިވުމަށްޓަކައި މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ސިސޭޝަން ކްލިނިކުތައް ގާއިމުކޮށް، އެކަމަށް ބޭނުންވާ ބޭސް އާސަންދައިގެ ދަށުން މުޅިން ހިލޭ ލިބޭނެ އިންތިޒާމަު ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ކަށަވަރުކޮށްދޭން ބޭނުންވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާން ބޭނުންވާ އެއްވެސް މީހަކަށް، ޖެނަރޭޝަނަލް ބޭންގެ ސަބަބުން އެކަމާ ދުރުހެލިވާން ބޭނުންވާ އެއްވެސް މީހަކަށް ދިވެހިރާއްޖޭގެ އެއްވެސް ފަސްގަނޑެއްގައި މި ހިދުމަތް ނުލިބި މިހާރު ހުންނާކަށް ނުޖެހޭނެ،" ނާޒިމު ވިދާޅުވިއެވެ.
މިކަންކަމުގެ އިތުރަށް ދުންފަތުން ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ހާއްސަ ހެލްޕްލައިނެއް ގާއިމުކުރެވި އެ ހެލްޕްލައިނުގެ ހިދުމަތްވެސް މިހާރު ބަރާބަރަށް ފޯރުކޮށްދެވެމުންދާކަމަށް ނާޒިމު ވިދާޅުވިއެވެ.