ENGLISH
27 ނޮވެމްބަރު 2025
ބީއެމްއެލްއިން ލޯނު ދޫކުރަނީ ގާނޫނާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް: ބީއެމްއެލް
26 ނޮވެމްބަރު 2025
|
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ދޫކުރުމުގައި އަމަލުކުރާނީ ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާއި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމުގައި އެ ބޭންކުން ބުނެފިއެވެ.
މިފަދައިން ބީއެމްއެލްއިން ބުނެފައިވަނީ ސަރުކާރުން ހަވާލުކުރި 206 މަޝްރޫއެއްގެ ކޮންޓްރެކްޓަރުންނަށް ބީއެމްއެލްއިން ފައިނޭންސް ހަމަޖެއްސީ ގާނޫނާއި ގަަވާއިދާ ހިލާފަށް ކަމުގައި ބުނެ، އިދިކޮޅު އެމްޑީޕީން ބޭންކަށް ސިޓީއެއް ފޮނުވުމަށްފަހު އެ ސިޓީ ފޮނުވިކަން އިއްޔެ ހާމަކުރުމާ ގުޅިގެން ބޭންކުގެ ތަރުޖަމާނު މުޙައްމދު ސައީދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބީއެމްއެލްއިން ފައިނޭންސް ދޫކުރަނީ ބޭންކިން ގާނޫނާ ހިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.
ބީއެމްއެލްގެ ތަރުޖަމާނު ވިދާޅުވީ އެފަދަ ވާހަކަތަކަކީ ކަމުގެ އަސްލަހު ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކަތަކެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭންކުން ލޯނު ދޫކުރުމުގައި އަމަލުކުރަނީ އަދި ކުރިއަށް އޮތް ތަނުގައި އަމަލުކުރާނީވެސް ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާއި ބޭންކުގެ ކްރެޑިޓް ޕޮލިސީތަކުގައި ބަޔާންކުރާ ގޮތަށެވެ.
އަދި މިފަދަ ހުރިހާ ކަމެއް ނިންމަނީ މިނިވަންކަމާއެކު ބީއެމްއެލްގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުންނަށް އޮޅޭ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ފާހަގަކުރައްވަމުން، އެފަދަ ކަންކަން ތަކުރާރުނުކުރުމަށް ސައީދުވަނީ އިލްތިމާސްކުރައްވާފައެވެ.