ENGLISH

26 ނޮވެމްބަރު 2025

Advertisement

އަރަބިއްޔާގެ ބާ އިމާރާތް ތަޅާލަނީ؛ ރައީސް އެދިވަޑައިގަތީ ތަރައްގީކުރާނެ ގޮތާމެދު މަޝްވަރާއަށް

25 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މައްޗަންގޮޅީ ރައްޔިތުންނާ ރައީސް މިރޭ ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މައްޗަންގޮޅީގައި ހުންނަ އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅައިލުމަށްފަހު އެތަނުގައި ޕާކިންއާ އެކު ކޮމިއުނިޓީ ޕާކެއް ތަރައްގީކުރައްވަން ވިސްނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ މާލޭގެ ތަރައްގީއާމެދު މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މައްޗަންގޮޅި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ދެއްކެވި ވާހަަކަފުޅުގައެވެ. 

ރައީސް ވަނީ އެ އަވަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހައްލުކުރުމަށް ސަރުކާރުގެ ވުޒާރާތަކުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭގެ ތެރޭގައި ތޮއްޖެހުމުގެ މައްސަލައާއި މަގުތައް ވީރާނާވެފައި ހުރުން ފަދަ ބައެއް ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އަރަބިއްޔާ ސުކޫލުގެ ކުރީގެ އިމާރާތް ތަޅައިލުމުގެ މަސައްކަތް ފެށުމަށް ޕަބްލިކް ވޯކްސްއިން މިހާރު ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި، ރައީސް އެދިވަޑައިގަތީ އެތަނާމެދު އަމަލުކުރަންވީ ގޮތެއް ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު އެމަނިކުފާނާ ހިއްސާކުރުމަށެވެ. 

މިވަގުތަށް ސަރުކާރުގެ ވިސްނުން ހުރި ގޮތް ވިދާޅުވެދެއްވަމުން ރައީސް ފާހަގަކުރެއްވީ 11،000 އަކަފޫޓުގެ އެ ގޯތީގެ ބޮޑު ސަރަހައްދެއް ޕާކިންއަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކުރުމާއެކު، ރޭޒް ލެވެލްއެއްގައި ޕާކެއް ފެހި ޖާގައެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ވިސްނާ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ހަލުއިކޮށް ކުރިއަށްގެންދަވައި ރަމަޟާން މަހުގެ ކުރިން ނިންމަވައިލެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ މިހާރުގެ ވިސްނުމަށްވުރެ ބޮޑުކޮށް މަޝްރޫއު ހިންގާނަމަ އެއަށްވުރެ ގިނަ ވަގުތު އެ މަޝްރޫއު ހިންގުމަށް ނަގާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު