ENGLISH
25 ނޮވެމްބަރު 2025
އިތުރު ޑްރެޖަރަކާއެކު ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުން ހަލުއިކުރަނީ؛ ދެ ތިން މަހުން ގިރާވަރުފަޅުވެސް ހިއްކާނެ
25 ނޮވެމްބަރު 2025
|
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހިއްކުން ހަލުއިކުރަން ގެނައި ޑްރެޖަރު
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހިއްކުން އަވަސްކުރުމަށް ގެންނަ ޑްރެޖަރުތަކުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް އެ ސަރަހައްދުގެ ބިން ހިއްކުން ހަލުއިކޮށް، އަންނަ މަހުގެ ނިޔަލަށް މަސައްކަތް ނިންމައި، ގިރާވަރުފަޅު ހިއްކުން ދެތިން މަހުން ނިންމަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުއިކުރުމަށް ގެންނަ ޓީއެސްއެޗްޑީ ޕްރިންސް ޑަރ ނެެޑަރލެންޑެން ޑްރެޖަރު މިއަދު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. ބޮސްކާލިސް ކުންފުނީގެ މި ކޮންނަ ބޯޓަކީ 23،985 ޓަނުގެ ޑްރެޖަރެކެވެ.
100 މީޓަރުގެ ފުންމިނުން ޑްރެޖުކުރުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދު ބިން ހިއްކުމުގައި ބޭނުންކުރަން ފަށާނީ މާދަމައެވެ. މިހާރުވެސް ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމަށް ޓީއެސްއެޗްޑީ އޮރާންޖީ އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ރައީސްވަނީ މާދަމައިން ފެށިގެން ޓީއެސްއެޗްޑީ ޕްރިންސް ޑަރ ނެެޑަރލެންޑެން ޑްރެޖަރާއި ޓީއެސްއެޗްޑީ އޮރާންޖި ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އެއާއެކު އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި އެންވަޔަރަމެންޓް އެސެސްމެންޓު ރިޕޯޓާއި އެހެނިހެން އިދާރީ ރަސްމީ ގޮތުން ނިންމަންޖެހޭ ކަންކަން ފުރިހަމަކުރެވުނުހާ އަވަހަކަށް ގިރާވަރުފަޅު ހިއްކުމަށް ބޭނުންވާ ބަންޑް ވޯލުގެ މަސައްކަތް ފެށޭނެއެވެ.
އަދި އިތުރަށް ރައީސް ވިދާޅުވީ އަންނަ މަހުގެ ނިޔަލަށް ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހިއްކުމުގެ މސައްކަތް ނިންމައިލެވޭނެއެވެ. އެ މަސައްކަތް ނިންމައިލެވުމުން އެ ސަރަހައްދުގެ ބިން ހިއްކުމަށް ބޭނުންކުރި ދެ އުޅަނދުވެސް ގިރާވަރު ފަޅުގެ ބިން ހިއްކުމަށް ބޭނުންކުރަން ފެށޭނެއެވެ.
ރައީސް ވިދާޅުވި ގޮތުުގައި ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރުން ފަށާތާ ދެ މަހާއި ތިން މަހާ ދެމެދުގެ މުއްދަތެއްގައި އެ ސަރަހައްދުގެ ބިން ހިއްކައި ނިމޭނެއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގުޅިފަޅާއި، ގިރާވަރުފަޅުން ކުރީ ސަރުކާރުގައި ގޯތި ދޫކުރި ނަމަވެސް އެ ތަންތަން ހިއްކުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށްގެންދެވިފައި ނެތެވެ. އެ ހުރިހާ ބިންތަކެއް ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މި ސަރުކާރުންނެވެ.