ENGLISH
25 ނޮވެމްބަރު 2025
ރައީސްގެ މޭޔަރުކަމުގައި ކައުންސިލުން ނިންމައިގެން ނޫނީ އެއްވެސް ކަމެއް ނުކުރައްވާ: ނަރީޝް
25 ނޮވެމްބަރު 2025
|
ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު މާލޭގެ ބިންތަކާ ގުޅޭ ކަންކަމާއި އެނޫން ކަންކަންވެސް ނިންމަވާފައިވަނީ ކައުންސިލުގެ ފްލޯއިން ފާސްކޮށްފަައިވާ އުސޫލުތަކާ އެއްގޮތަށް އަދި ކައުންސިލު ފްލޯއިން ގޮތްތަކެއް ނިންމައިގެން ކަަމަށް އެއިރު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަދި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެެއެވެ.
މާލޭ ސަރަހައްދުގެ ބައެއް ބިންތައް ކުއްޔަށް ދޫކުރީ ކައުންސިލުގައި މަޝްވަރާކުރުމެއް ނެތި ކަމުގައި ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ބައެއް ކައުންސިލަރުންް ތުހުމަތުކުރެއްވުމާ ގުޅިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ނަރީޝްވަނީ ކައުންސިލުން އެފަދަ ކަންކަމުގައި އެއިރު އަމަލުކުރި އުސޫލުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލުގެ މޭޔަރުކަމާ ރައީސް ހަވާލުވެވަޑައިގެން މަގާމުގެ ހުވައިކުރެއްވި ދުވަހު ކައުންސިލު ހިންގާނެ ގޮތުގެ އުސޫލެއް ކައުންސިލުން ފާސްކުރިކަމަށް ނަރީޝް ވިދާޅުވިއެވެ. އެގޮތުން ކައުންސިލުގެ ހުރިހާ ކަމެއް ނިންމާނީ ކައުންސިލުގެ ފްލޯއިން ކަމަށާއި، ހާއްސަކޮށް ރައްޔިތުން މާލީ އިލްތިޒާމުވާންޖެހޭ ހުރިހާ ކަމެއް ކައުންސިލުގެ ފްލޯއަށް ހުށަހަޅަންޖެހޭ ގޮތަށް އުސޫލުގައި ލިޔެވުނު ކަމަށް ނަރީޝް ވިދާޅުވިއެވެ.
އަދި މާލޭގެ ބިންތައް ކުއްޔަށް ދޫކުރެވޭނީ ކައުންސިލުގެ ފްލޯއިން ކަނޑައަޅާ އުސޫލެއްގެ ދަށުން، ކައުންސިލުގެ ފްލޯއިން އެކަަމަަށް ހާއްސަކޮށް އެކުލަވައިލާ ކޮމިޓީތަކުން ނިންމައިގެންކަމަަށް އުސޫލުގައި ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ނަރީޝް ވިދާޅުވީ ކައުންސިލުން ބިންތައް ކުއްޔަށް ދޫކުރުމުގައި އަމަލުކުރީ އެ އުސޫލުތަކާ އެއްގޮތަށް ކަމުގައެވެ.
"ރައީސްކަމަށް ޑރ.މުޢިއްޒު ވަޑައިގަތުމާ ހަމައަށްވެސް އެއްވެސް ބިމެއް ދޫކޮށްފަައެއް ނީންނާނެ ކައުންސިލު ފްލޯއަށް ގެނެސްގެން ނޫން ގޮތަކަށް އަދި ކައުންސިލު ފްލޯއިން ބާރުދީފައިވާ ކޮމިޓީއަކުން ނިންމައިގެން ނޫން ގޮތަކަށް. އެގޮތަށް ކޮމިޓީން ދޫކުރީ ކައުންސިލުން ފާސްކުރި ގައިޑްލައިނަކާ އެއްގޮތަށް،" ނަރީޝް ވިދާޅުވިއެވެ.
މާލެއިން ބިން ކުއްޔަށް ދޫކުރަން ކަނޑައެޅި އުސޫލަކީ ޕްރޮޕޯސަލް ހުށަހަޅައިގެން ކައުންސިލުގެ ފްލޯއިން ނުވަތަ ފްލޯއިން ބާރު ދީފައިވާ ކޮމިޓީއަކުން އެ ޕްރޮޕޯސަލްތައް އިވެލުއޭޓުކުރުމަށްފަހު ބިން ކުއްޔަށް ދޫކުރަން ނިންމާ ގޮތަށް އެއިރު އުސޫލު އެކުލަވައިލީ ކައުންސިލުގެ ފްލޯގައި މަޝްވަރާކުރުމަށްފަހު ކައުންސިލުންކަމަށްވެސް ކުރީގެ ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
"ރައީސް ޑރ.މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އުސޫލުން ބޭރުން ދޫކުރި ބިމެއް ނޯންނާނެ. ކައުންސިލުގެ ފްލޯއަށް ގެނެސްގެން ނުވަތަ ކައުންސިލުގެ ފްލޯއިން ބާރު ލިބިގެން ހަދާފައިވާ ކޮމިޓީއަކުން ނިންމަައިގެން ނޫން ގޮތަކަށް ދޫކުރި ބިމެއް އަދި ގާތް މީހަކަށް މަންފާއެއް ހޯދައިދިނުމަށް ދޫކުރި ބިމެއް ނޯންްނާނެ،" ނަރީޝް ވިދާޅުވިއެވެ.