ENGLISH
25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލުތައް އުވައިލުމަށް މަޖިލީހުން ފާސްކޮށްފި
25 ނޮވެމްބަރު 2025
|
އަތޮޅު ކައުންސިލު އުވައިލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ
ޤާނޫނުއަސާސީ އިސްލާހުކޮށް އަތޮޅު ކައުންސިލުތައް އުވައިލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއެވެ. އެ އިސްލާހުގައި އެކުލެވިގެންވަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކޮށް، އެ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލުގެ ބައި އެއިން އުނިކުރުމަށެވެ.
މިއަދު މަޖިލީހުގައި އެބިލަށް ބަހުސްކޮށް ތިންބަނަ ކިޔުން އިއްވުމަށްފަހު އެ އިސްލާހު ފާސްކުރުމާމެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 87 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ފާސަކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެ އިސްލާހު ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ އިިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
މި ބިލު ތަސްދީގުކުރެވި އަމަލުކުރަން ފެށި ނަމަވެސް މިހާރު ހުރި އަތޮޅު ކައުންސިލުތައް ދައުރު ނިމެންދެން ކުރިއަށްދާނެއެވެ. މި ބިލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަށް ފަހުއެވެ. އެ އިންތިހާބުގައި އަތޮޅު ކައުންސިލުތައް އިންތިހާބުކުރުމެއް ނޯންނާނެއެވެ.
މި ބިލާއެކު މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެން ކަމަށް ކަނޑައަޅަން ހުށަހެޅި ނަމަވެސް އެބައި ބިލުން އުނިކުރީ ބިލު ދިރާސާކުރި މަޖިލީހުގެ ކޮމިޓީންނެވެ.
އަތޮޅު ކައުންސިލުތައް އުވައިލުމަށްފަހު ކުރިން އަތޮޅު ކައުންސިލުތަކަށް ދެމުން އައި ބަޖެޓު ރަށްރަށުގެ ކައުންސިލުތަކަށް ބަހައިލުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ފައިސާ ބޭނުންކުރެވޭނީ ރަށްރަށުގައި ތިބި އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް ކައުންސިލުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.