ENGLISH

25 ނޮވެމްބަރު 2025

Advertisement

ސަމާލުވޭ! ޑެންގޫ އާޢި އިންފުލުއެންޒާ ފެތުރެނީ

25 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ގްރޭޓާ މާލެ ސަރަޙައްދާއި ކ.އަތޮޅުގައި ޑެންގޫއާއި އިންފްލުއެންޒާގެ ކޭސްތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. ފައިސަލް ވިދާޅުވެއްޖެ އެވެ.

މާލެ ސަރަޙައްދުގައި އިންފްލުއެންޒާ ކޭސްތައް އިތުރުވެ، ބައެއް ކުދިންގެ ހަށިގަނޑުގައި އާދަޔާޙިލާފަށް ރިއްސައި، ހިނގާބިނގާވެ އުޅެންވެސް އުދަގޫވެފައިވާ ކަމަށް ވިދާޅުވެ މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ލަސްނުކޮށް ވެކްސިން ޖެހުމަށް ހުރިހާ ފަރާތްތަކަށް އިސްތިމާސްކުރައްވާފައިވެ އެވެ.

"ބައެއް ކުދިންގެ ގައިގައި ރިއްސާ، ނުހިނގޭ ވަރުވެސްވޭ. ވެކްސިން ޖަހާލާ،". ޑރ. ފައިސަލްގެ ޕޯސްޓްގައި ވެއެވެ.

ޑރ.ފައިސަލް ވިދާޅުވީ، ކ.އަތޮޅުގެ ރަށްތަކުގައި ޑެންގޫ ވަރަށް ގިނަ ކަމަށާއި، ހާއްސަކޮށް ހިއްމަފުށި އަދި މާފުށި ހިމެނޭ ކަމަށެވެ.

މާލޭގެ ބައެއް ކްލިންތަކުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ހުމަށާއި، ގައިގަ ރިއްސުމާއި އަދި ވަރު ދެރަވެގެން ފަރުވާ ކުރަމުން އަންނަ ފަރާތްތަކުގެ ތެރޭގައި ގިނަ ކުޑަކުދިން ހިމެނެ އެވެ. 

ޑެންގޫ އަދި އިންފްލުއެންޒާއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ، އާބާދީ ބޮޑު ތަންތަނުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ބަލިތަކެކެވެ. ޑެންގީ ހުން އާންމުކޮށް ގިނަވަނީ ވާރޭ މޫސުމުގައެވެ. އެއީ މި މުސޫމުމަކީ މަދިރި އުފެދުމަށާއި ބަލި ފެތުރުމަށް އެންމެ އެކަށޭނަ މޫސުން ކަމުގައިވާތީ އެވެ.

ސިއްޙީ މާހިރުން އިރުޝާދު ދެއްވަނީ މިކަަމަށް ރައްކާތެރިވުމުގެ ގޮތުން ފުލޫ ވެކްސިން ޖެހުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށެވެ. 

އެގޮތުން ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެފަދަ ތަކެތި ނައްތާލައި، މަދިރި ހެފުމުން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމަށް ސަމާލުކަން ދޭން ޖެހެެއެވެ. އަދި މަދިރި ލޯޝަނާއި،ސްޕްރޭ އަދި ރެޕަލެންޓު ބޭނުން ކުރެވިދާނެ އެވެ. މީގެ އިތުރުން މަނދިރި ގިނަވާ ގަޑިތައްކަމަށްވާ ހެނދުނާ ހަވީރު އިރު އޮއްސޭ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ސަމާލުވުން މުހިއްމެވެ.

ގަދައަށް ހުންއައިސް،ހޮޑުލާ އަދި އާދަޔާ ޚިލާފަށް ވަރުބަލިވުން ފަދަ އަލާމަތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް ލަފާ ދެއްވަ އެވެ.

އިންފުލުއެންޒާ އަދި ޑެންގީ އެއްފަހަރާ ފެތުރެމުންދާތީ ކުދަކުދިންނާއި މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ހައި ރިސްކް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފާރަތްތައް މި ކަމަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު