ENGLISH
25 ނޮވެމްބަރު 2025
ޑިޖިޓަލް މަންސަތަކުގައި އަންހެނުންނަަށް ފުރައްސާރަކުރަން ޖާގަ އޮވެގެން ނުވާނެ: ފަސްޓް ލޭޑީ
25 ނޮވެމްބަރު 2025
|
ޑިޖިޓަލް މަންސަތަކުގައި އަންހެނުންނަަށް ފުރައްސާރަކުރަން އެއްވެސް ޖާގައެއް އޮވެގެން ނުވާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހާ ގުޅިގެން އެކްސްގައި އެކަމަނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިޖިޓަލް މަންސަތަކަކީ، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ ކަމަށެވެ.
އަނިޔާ ލިބޭ ކޮންމެ އަންހެން ކުއްޖަކާއި އަންހެނެއްގެ ހައްޤުގައި ހުންނެވިކަން ހާމަކުރައްވަމުން އެކަމަނާ ވިދާޅުވީ ކޮންމެ އަންހެނަކު އަދި އަންހެން ކުއްޖަކަށްވެސް ރައްކާތެރިކަމާ، އަބުރުވެރިކަމާ އަދި މިނިވަންކަމާއެކު އުޅެވޭނެ މާޙައުލެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ޑިޖިޓަލް މަންސަތަކުގައި ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަނެވިގެން ނުވާނެކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ. އެކަމަނާ އިތުރަށް ވިދާޅުވެފައިވަނީ، ޑިޖިޓަލް މަންސަތަކަކީ، އަންހެނުންނާ އަންހެން ކުދިން ބާރުވެރި ކުރުވަންޖެހޭ ތަނެއްކަމަށާ، އެފަދަ މަންސަތަކުގައި އަންހެނުންނާ އަންހެން ކުދިންނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުންގެ ޕޯސްޓް ނިންމަވާލައްވަމުން، މުޖްތަމަޢުގެ އެންމެންގެ ބައިވެރިވުމާއެކު، އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި ޑިޖިޓަލް މާޙައުލެއް ޤާއިމުކޮށްދިނުމަށް ގޮވާލައްވާފައިވެއެވެ.
އަންހެނުންނާ އަންހެން ކުދިންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމުގެ ދުވަހުގެ ގޮތުގައި ބައިނަލް އަޤްވާމީގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރާ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހަކީ، މިކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާ، ސިޔާސަތުތައް ބަދަލުކުރުމަށް އަޑުއުފުލުމާ، އަންހެނުންނާ އަންހެންކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގޮވާލުމުގެ ހަރަކާތްތައް ހިންގާ 16 ދުވަހުގެ ހަރަކާތްތަކުގެ ފެށުން ފާހަގަކުރާވެސް ދުވަހެވެ.
މި އަހަރުގެ ޝިޢާރު ބިނާވެފައިވަނީ، އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ދޭ އަނިޔާ ހުއްޓުވުމުގެ މައްޗަށެވެ.