ENGLISH
25 ނޮވެމްބަރު 2025
ގެދޮރުވެރިޔާ ފުލެޓުތައް؛ 3880 ފަރާތެއްގެ އެއްބަސްވުމުގައި ސޮއިކުރަން ފޮނުވައިފި
25 ނޮވެމްބަރު 2025
|
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރި 4،000 ހައުސިން ޔުނިޓު ހުރި ޓަވަރުތަކުން ބައެއް ޓަވަރު
ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ 4،000 މީހުންގެ ތެރެއިން 3،880 މީހަކާއެކު އެއްބަސްވުން ގާއިމުކުރުމަށް މިހާރު ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރެވިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން އިންޑިޔާގެ އެގްޒިމް ބޭންކުގެ އެހީގައި އެޅި ފުލެޓުތަކުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާފައިވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފާއިތުވި ދެ އަހަރެއްހައި ދުވަހު ކުރެވުނު މަސައްކަތްތަކުންނެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު މީގެ ކުރިން އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އެ ފުލެޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން އެ ތަންތަނުގައި ގާއިމުކުރަންޖެހޭ މުހިއްމު ވަސީލަތްތަކުގެ ތެރެއިން، ޕަވާ ގްރިޑާ ގުޅުވައިލުމާއި، ސެކިއުރިޓީ ސިސްޓަމްތައް ގާއިމުކުރުމާއި، އިންޓަނެޓާއި އެހެނިހެން މީޑިޔާަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޖީޕޮން ނެޓްވޯކް އެޅުމާއި ކުނި ނައްތައިލުމުގެ ނިޒާމު ފަދަ އަސާސީ ގިނަ ކަންތައްތަކެއް ކުރަން ހަވާލުކޮށްފައި ކުރިން ނެތެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހުރިހާ މަސައްކަތެއް އެކި ކުންފުނިތަކާ ހަވާލުކޮށް މަސައްކަތް ކުރުވައި ނިންމީ މި ސަރުކާރުންނެވެ. އެ މަސައްކަތްތައް ނިންމައި މިހާރު އެ ފުލެޓުތަކަށް މީހުން ވަންނަންވަނީ ފަށާފައެވެ. އެފްޑީސީން އަންނަނީ އެތަންތަން ލިބުނު މީހުންނާ ތަޅުދަނޑި ހަވާލުކުރަމުންނެވެ.
އެ ޔުނިޓުތައް ލިބުނު ފަރާތްތަކުގެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރުމާ ގުޅިގެން ލިސްޓު މުރާޖައާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއެވެ. ނަމަވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ ކުރީ ސަރުކާރުން އެކުލަވައިލި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ކަނޑައެޅިގެން އޮޅުވާލައިގެން ފުލެޓު ހޯދި މީހުން ފިޔަވައި އެންމެނަށް ފުލެޓު ދެއްވުމަށެވެ.
އެ ނިންމެވުމާ އެއްގޮތަށް ފުލެޓު ލިބުނު މީހުންނަކީ ޝަރުތު ފުރިހަމަވާ މީހުންކަން ކަށަވަރުކުރުމަށްފަހު ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެފްޑީސީއަށް ފޮނުވުމުން އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮަށް ސޮއިކުރަން އަންނަންވީ ތާރީހާއި ވަގުތު ދަނީ އަންގަމުންނެވެ.
އެގޮތުން މިހާތަނަށް 3،880 ފަރާތެއްގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށްވަނީ ފޮނުވާފައެވެ. އެ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް ހަލުއިކޮށް އެފްޑީސީން އަންނަނީ ކުރިއަށް ގެންދަމުންނެވެ.