ENGLISH

25 ނޮވެމްބަރު 2025

Advertisement

އައިއެމްސީޓީސީން ރާއްޖޭގައި ދެ އިނިޝިއޭޓިވްއެއް ފަށައި، ތަމްރީނުކުރުމުގެ ޖޮއިންޓް އެއްބަސްވުމެއް ހަދައިފި

25 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އައިއެމްސީޓީސީގެ އިނިޝިއޭޓިވްތައް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސައުދީ އަރަބިއްޔާ އިސްވެ އޮވެ ގާއިމުކޮށްފައިވާ - ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި ދެ އިނިޝިއޭޓިވްއެއް އިފުތިތާހުކޮށް، ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާއާއެކު ތަމްރީނު ދިނުމުގެ ދެ އެއްބަސްވުމެއް ގާއިމުކޮށްފިއެވެ. 

އައިއެމްސީޓީސީއިން ރާއްޖޭގައި ފަށަން ނިންމި ދެ އިނިޝިއޭޓިވްއަކީ "ކޮމްޕިޓެންސް" ނުވަތަ ގާބިލުކަމުގެ ނަމުގައި ހިންގާ ހަރަކާތަކާއި ސައިބަރ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ ހަރަކާތެކެވެ. މި ދެ ހަރަަކާތް އިފުތިތާހުކުރެވުނީ އިއްޔެ އެކަމަށްޓަކައި މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖަރ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ސިވިލް އަދި އަސްކަރީ އިސްވެރިންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމްޕިޓެންސް އިނިޝިއޭޓިވްއަކީ ކަނޑުގައި ބޭނުންކުރާ މައިންއާ ދެކޮޅަށް ދިވެހިރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން ކަނޑުގައި ބޭނުންކުރާ މައިންތަކާ ގުޅޭ މައުލޫމާތާއި، އެތަކެތީގެ މެކޭނިޒަމްތަކާއި ރައްކާތެރިކަމާއެކު މައިން ނައްތައިލުމުގެ އުކުޅުތައް ދަސްކޮށްދިނުން ހިމެނެއެވެ. 

އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަނޑުގައި ބޭނުންކުރާ މައިންތައް ހޯދައި، އެތަކެތި ނައްތައިލުމުގެ ތަމްރީނުތައް ދިވެހި ސިފައިންނަށް ދިނުމާއެކު، މައިދާނުގައި ދޭންޖެހޭ ތަމްރީނުތައް ފޯރުކޮށްދޭ ނަޒަރީ އަދި އަމަލީ ތަމްރީނުތައް އެކުލެވޭ ކޯސްތަކެއް ހިންގަން ނިންމާފައިވެއެވެ. 

ސައިބާ އިނިޝިއޭޓިވްއަކީ ރާއްޖޭގެ ސައިބާ ސަލާމަތީ ނިޒާމުތައް ވަރުގަދަކޮށް، ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ސައިބާ ހަމަލާތަކަށް އަހުލުވެރިކޮށް، އެފަދަ ހަމަލާތަކާ ދެކޮޅަށް ބޭނުންކުރާ އެކި އުކުޅުތައް ދަސްކޮށްދީ ރާއްޖޭގެ ޑިޖިޓަަލް ބިނާރުތަކުގެ ސަލާމަތީ ކަންކަން އިހުނަށްވުރެ ވަރުގަދަކުރުމުގެ ބޭނުމުގައި ހިންގާ އިނިޝިއޭޓިވްއެކެވެ. 

އޭގެ އިތުރަށް ދިފާއީ ވުޒާރާއާއެކު އައިއެމްސީޓީސީން ހެދި ޖޮއިންޓް ތަމްރީނު ދިނުމުގެ އެއްބަސްވުމުގެ ދަށުން އަސްކަރީ އަދި ފަންނީ ތަމްރީނުތަކާއި ތަޖުރިބާ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއެމްސީޓީސީގެ އަމީން ޢާއްމުވަނީ އައިއެމްސީޓީސީގެ ދިފާއީ ވަޒީރުންގެ މަޖިލީހުގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާންގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ އެހީތެރިކަމާއި އިރުޝާދު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަައެވެ. 

އަމީން ޢާއްމު ވިދާޅުވި ގޮތުގައި ޕްރިންސް ޚާލިދު އިރުޝާދު ދެއްވާފައިވަނީ އައިއެމްސީޓީސީގެ މެންބަރު ގައުމުތަކުގެ ގާބިލުކަން އިތުރުކޮށް، އެ ޖަމްއިއްޔާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ނިރުބަވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގެ މައި ތަނބަކަށް ހެދުމެވެ. 

ކިޔުންތެރިންގެ ހިޔާލު