ENGLISH

25 ނޮވެމްބަރު 2025

Advertisement

ވިލިމާލޭގެ ނިކަގަހާއި ރައީސްގެ ޑައިރެކްޓް ޑިމޮކްރަސީގެ ނަމޫނާ؛ އިދިކޮޅަށް ހަޖަމްނުވި މިސާލެއް

25 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ވިލިމާލޭ ރައްޔިތުންނާ ރައީސް ޑރ.މުޢިއްޒު ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ކުރެން އެ ރައްޔިތުންނަށް ދަތިވާ ކަންކަން އޮޅުންފިލުއްވަައިގެން، އެކަންކަން ހައްލުކުރުމަށް ސަރުކާރުން އަޅަންވީ ފިޔަވަޅާމެދު ރައްޔިތުން ދެކޭ ގޮތެއް ބައްލަވައިގެން ވެރިކަންކުރެއްވުމަކީ މިހާތަނަށް ރާއްޖޭގެ ވެރިން ކިބައިން ދިވެހިން ދެކެފައިވާ ކަންކަމެއް ނޫނެވެ. ރަށްރަށުގެ ކަންކަން މާލޭގައި ތިއްބަވައިގެން ނިންމަަވާއިރު، މާލޭގެ ކަންކަން ނިންމަވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެންނެއް ނޫނެވެ. 

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަފާތެވެ. ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފިއެވެ. އެ ރަށްރަށުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ތަރުތީބުކުރެއްވުމުގެ ބޭނުންފުޅުގައެވެ. އެ އިހުލާސްތެރި ނިޔަތް އޮވެގެންނެވެ. 

މިސާލުތައް ބައިވަރެވެ. ބައެއް ރަށްރަަށަށް ވަޑައިގަތުމުން އެ ރަށްރަށުގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތައް ކުރިއަށްގެންދަންވީ ގޮތުގެ ހިޔާލު ރައީސާ ރައްޔިތުން ހިއްސާކުރެއެވެ. އެ ހިޔާލުތަކުގެ އަލީގައި ފަންނީ މާހިރުންގެ ލަފާފުޅާއެކު މަޝްރޫއުތަކަށް ގެންނެވެން އޮތް ބަދަލުތައް އެމަނިކުފާނު ގެނެސްދެއްވައެވެ. 

ބައެއް ރަށްރަށުގައި ފަށާފައިވާ ސްކޫލު އިމާރާތްތަކުގެ މަޝްރޫއުތަކުގެ ސްކޯޕު ފުޅާކުރައްވައި، އިތުރު ކްލާސްރޫމުތަކާއި ޖާގަތައް ހިމަނުއްވައިދެއްވައެވެ. ބަނދަރު ހަދާ ގޮތަށް ބަދަލުގެންނަވައިދެއްވައެވެ. ސިއްހީ މަރުކަޒުތަކުގައި އިތުުރުކުރާ ޖާގަތަކުގައި ހިމެނޭ ކަންކަަން ބަދަލުކޮށްދެއްވައެވެ. އެއީ ރައްޔިތުން އެގޮތަށް އެދޭތީއެވެ. 

ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާ ގޮތަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ލަފާ ހޯއްދަވަން މިހާރު ފައްޓަވާފައިވާ މަސައްކަަތްޕުޅުގެ ތެރެއިން އެންމެ ފުރަތަމަ ބައްދަލުވުމުގައި ވިލިމާލޭ ރައްޔިތުންގެ އެކި ޝުއޫރުތަކާއި އިހުސާސްތަކާއި ހިޔާލުތައް ރައީސް އަޑުއެއްސެވިއެވެ. 

ގިނަ ބަޔަކަަށް ފާހަގަކުރެވުނީ އެ ރަށުގައި ހުރި ބައެއް ގަސްތަކުގެ މޫތައް ފެތުރިގަނެ، އެކަމުގެ އުދަގޫ ރައްޔިތުންނަށް ކުރިމަތިވެފައިވާތީ ބައެއް ރައްޔިތުން ޝަކުވާކުރުމުން އެގަސްތަކާމެދު އަމަލުކުރަންވީ ގޮތުގެ ހިޔާލަށް ރައީސް އެއްސެވި އެއްސެވުމެވެ. 

މިދެންނެވުނު ގަސްތަކުގެ މޫތައް ފެތުރި ގެދޮރުގެ އެތެރެއަށް ވަދެ، ބައެއް ގެދޮރުގައި ރެނދުލައި، ގެދޮރުގެ އެކި ތަންތަނަށް ބޮޑެތި ގެއްލުންވަމުންދާތީ އެކަމުގެ ޝަކުވާ ބައެއް ރައްޔިތުންކުރާތާ އެތައް ޒަމާނެކެވެ. އެކަަމުގައި އެކުލެވޭ އުދަަގުލާއި ވޭނާއި ތުރާ އިހުސާސްވާނީ އެ ތަކުލީފުތައް ތަހައްމަލުކުރާ ބަޔަކަށެވެ. އެމީހުންގެ އިހުސާސްތައް އެރޭ ރައީސް ކުރިފުޅުމަތީ ބަންޑުންކޮށްލުމުން އެމަނިކުފާނު ބޭނުންފުޅުވީ އެކަން ކުރުމުގައި ރައްޔިތުން އެދޭ ގޮތް ބެއްލެވުމަށެވެ. 

އެއީ ވޯޓަށް އައްސަވަައި ރައްޔިތުންގެ ހިޔާލު ހޯއްދެވި ސަބަބެވެ. ރައްޔިތުންގެ ކަންކަމުގައި ސީދާ ރައްޔިތުންގެ ހިޔާލު ހޯދުމަކީ ޑައިރެކްޓް ޑިމޮކްރަސީއެވެ. ރައްޔިތުން ވެރިކަން ހިންގެވުމުގެ މެންޑޭޓު ރައީސަށް ދެއްވާފައި އޮތަސް، ރައީސް ބޭނުންފުޅުވީ ރައްޔިތުންގެ ކަންކަމުގައި އެ ރައްޔިތުން ބޭނުންވާ ގޮތެއް ބައްލަވާށެވެ. އަދި އަމަލުކުރައްވަން ނިންމެވީ ރައްޔިތުން އެދޭ ގޮތަށެވެ. 

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ރަައީސަށް ފާޑުކިޔުން އަމާޒުކުރާއިރު، ވިސްނައިލަންޖެހެނީ މިފަދަ ކަމެއްގެ ދައްޗާއި ތުރާ އިހުސާސްކޮށް، އެތައް ގެއްލުމެއް ތަހަައްމަލުކުރަމުންދާ ރައްޔިތުންގެ އަޑު އެއްސެވުން ނޫން ގޮތެއް ރައީސަކަށް އޮންނާނެތޯއެވެ. ރައްޔިތުން އެދޭ ގޮތެއް ބެެއްލެވުމަކީ ރައީސެއްގެ ޒިންމާއެއް ނޫންތޯއެވެ. 

މިފަދަ އަނެއް މިސާލަކީ އައްޑޫ ސިޓީގައި ނެގުނު ވޯޓެވެ. އައްޑޫ ސިޓީގެ އަވަށްތަކުގެ ގޮތުގައި އޮތް ހުޅުދޫ، މީދޫ އަދި ފޭދޫގައި އައްޑޫ ސިޓީ ކައުންސިލާމެދު ހިތްހަމަނުޖެހުންތަކެއް އުފެދި، އެ އުދާސްތައް އެކި ވަސީލަތްތަކުގެ ޒަރީއާއިން ރައްޔިތުން ހިއްސާކުރާތާ އެތައް އަހަަރެއްވީއެވެ. އެ ރައްޔިތުން ބޭނުންވާ ގޮތެއް ބެލިފައި ނެތެވެ. އެ ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއްވެސް ނުހޯދެއެވެ. 

ރައީސްވަނީ މި ތިން އަވަށުގެ ރައްޔިތުންނަށް އެ ރައްޔިތުން ބޭނުން ގޮތެއް ނިންމަން އިހުތިޔާރު ދެއްވާފައެވެ. ޑައިރެކްޓް ޑިމޮކްރަސީގެ އުސޫލުން އެ ރައްޔިތުންގެ ނިންމުމަށް ވޯޓުގެ ފުރުސަތު ދެއްވުމާއެކު ނިމިގެންއައި ގޮތް ސާފެވެ. މިއަދު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކިކުރެވި، ވަކި ދެ ރަަށުގެ ގޮތުގައި ކަނޑައެޅި، އަންނަ ލޯކަލް ކައުންސިލު އިންތިހާބަށްފަހު ދެ ރަށުގައިމެ ރަށު ކައުންސިލުތައް އުފެދިގެންދާނެއެވެ. އެއީ އެ ދެ ރަށު ރައްޔިތުން އެދުނު ގޮތެވެ. އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި އޮންނަން ބޭނުންވި ފޭދޫ ދެންވެސް އޮންނާނީ އެގޮތަށެވެ. 

ސީދާ ރައްޔިތުން ކައިރީ ކަންކަމުގައި އެ ރައްޔިތުން ދެކޭ ގޮތެއް އެއްސެވުމާއި، ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ މައުލޫމާތުގެ މައްޗަށް ބިނާކުރައްވަައި، އެ ރައްޔިތުން އެދޭ ގޮތަށް ސިޔާސަތުތައް އެކަށައަޅުއްވައި، ރައްޔިތުން ބޭނުންވާ ގޮތަށް އެ ރައްޔިތުންނާ ކުރިމަތިވެފައި ހުރި އެކި މައްސަލަތައް ހައްލުކުރެއްވުމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ރައީސް ދައްކަވާ ނަމޫނާއެކެވެ. އެއީ މުސްތަގުބަލުގައި ރާއްޖޭގެ ވެރިކަންްކުރައްވާ ބޭފުޅުން އެއަށް ތަބާވެވަޑައިގަތުމަށް ރައްޔިތުން ލާޒިމުކުރާނެ "ސްޓެންޑަޑް" ނުވަތަ މިންގަނޑެވެ. 

ކިޔުންތެރިންގެ ހިޔާލު