ENGLISH
25 ނޮވެމްބަރު 2025
އައު ޓެކްނޮލޮޖީތަކުން އަންހެނުން ބާރުވެރިކުރުވާކަން ކަށަވަރުކުރަން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
25 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
އަލަށް އުފެދެމުންދާ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ޒަރީއާއިން އަންހެނުންނާއި އަންހެން ކުދީން ބާރުވެރިކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ނައްތައިލުމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު ހުރިހާ އަންހެނުންނާއި އަންހެން ކުދިން ހުރިހާ ބާވަތެއްގެ އަނިޔާތަކުން ރައްކާތެރިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަޒުމު އައުކުރައްވާ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ ޓެކްނޮލޮޖީގެ އައު ވަސީލަތްތަކުގެ ތެރެއިން މީހުންގެ ދިރިއުޅުން ގުޅި ލާމެހެމުންދާއިރު، އޮންލައިންކޮށް ފުރައްސާރަކުރުމާއި ހަގާކުރުމާއި، ނާޖަައިޒު މަންފާ ނެގުން ފަދަަ ކަންކަން ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.
އެހެންކަމުން އަލަށް އުފަންވާ ޓެކްނޮލޮޖީތަކކަީ އަންހެނުންނާއި އަންހެންކުދިން ބާރުވެރިކުރުވައި، އެމީހުން މިހާރު ތިބި ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ގެންގޮސްދޭ ވަސީލަތްތަކަކަށް ހެދުމަށް އެންމެން މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.
އިތުރަށް ރައީސް އެދިވަޑައިގަތީ ޓެކްނޮލިޖީގެ ތެރެއިން އަންހެނުންގެ ކުރިއެރުމަށާއި މުޅި ގައުމުގެ ކުރިއެރުމަށްވެސް އެކަށީގެންވާ ރައްކާތެރި ޖާގަތަކެއް އުފެއްދުމަށެވެ.
ކޮންމެ އަހަަރަކު ނޮވެންބަރު 25 ވަނަ ދުވަހު އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓައިލުމަށް ގޮވައިލުމުގެ ގޮތުން ފާހަގަކުރާ އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ނައްތައިލުމުގެ ދުވަސް ނިސްބަތްވަނީ ޑޮމިނިކަލް ރިޕަބްލިކްގެ ކުރީގެ ލީޑަރު ރަފައެލް ޓްރޫޖިލޯގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް މަސައްކަތްކުރި މިރަބެލް ސިސްޓާސްއަށެވެ.
މި އަހަރު މައިގަނޑު ގޮތެއްގައި މި ދުވަހު ސަމާލުކަން ދެނީ އަންހެނުންނާއި އަންހެން ކުދިންނާ ދެކޮޅަށް ހިންގާ ޑިޖިޓަލް އަނިޔާވެރިކަމުގެ އަމަލުތައް ނެތިކޮށްލުމަށް އެއްބައިވުމަށެވެ. އޭގެ ތެރޭގައި އޮންލައިން ފުރައްސާރައާއި، ޓްރޮލްކުރުމާއި ޒާތީ މައުލޫމާތު އާއްމުކުރުމާއި، އޮންލައިންކޮށް ފާރަލުން ފަދަ ކަންކަން ހިމެނެއެވެ.
އަދި ރުހުން ނެތި ޒާތީ ފޮޓޯ ވީޑިޔޯ އާއްމުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑީޕްފޭކު ފޮޓޯއާއި ވީޑިޔޯ ހެދުން ފަދަ ކަންކަމަކީވެސް ނިމުމަަކަށް ގެންނަންޖެހޭ އަންހެނުންނާމެދު އަނިޔާވެރިވެ އެމީހުންގެ ދިރިއުޅުން ހަރާބުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ޒަރީއާއިން ހިންގަމުންދާ ޖަރީމާތަކެވެ.
މިދުވަހުގައި އދ.އިން ސަރުކާރުތަކަށް ގޮވައިލާފައިވަނީ ޑިޖިޓަލް ކުރިއެރުމާއި ގާނޫނުތަކުގެ މެދުގައި ހުރި ފަރަގު ކުޑަކޮށް ޑިޖިޓަލް ކުށްތަައް ހުއްޓުވޭނެ ގޮތަށް ގާނޫނުތައް ބައްޓަންކުރުމަށެވެ. ޓެކް ކުންފުނިތަކަށް ބާރުއަޅާފައިވަނީ އެ ކުންފުނިތަކުގެ މަންސަތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، މިފަދަ ޖަރީމާތަކުގެ ޝިކާރައަށްވާ އަންހެނުންނަށް ލިބޭ އެހީތެރިކަން އިތުރުކުރުމަށެވެ.