ENGLISH
25 ނޮވެމްބަރު 2025
މާލޭ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން ކުރިއަށް؛ މާދަން ރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވާނެ
24 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
މާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވަން ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާދަން ރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން ސަރުކާރުން އިއުލާނުކުރައްވައިފިއެވެ.
މި ސިލްސިލާގެ ފުރަތަމަަ ބައްދަލުވުން މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ވިލިމާލޭގައިވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވިލިމާލޭގައި ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމުގެ އިތުރަށް، އެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތުތައް ރައީސްވަނީ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް މާލޭގެ ވަޒަންވެރިންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވާ ބައްދަލުވުން 25 ނޮވެންބަރު 2023 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ 2025، ނޮވެންބަރު 25 ވަނަ ދުވަހުގައި ބާއްވާ މި ބައްދަލުވުން އޮންނާނީ އަމީނިއްޔާ ސުކޫލުގައި ކަމަށެވެ. އަދި ބައްދަލުވުން ފެށޭނެ ގަޑިއަކީ 20:30 ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ރައީސްްގެ މި ބައްދަލުވުމަށް މައްޗަންގޮޅީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ، ބައިވެރިވުމަށް ސަރުކާރުގެ ފަރާތުން ހީނާވަނީ ދައުވަތު ދެއްވާފައެވެ.
މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ސިލްސިލާ ގޮތެއްގައި ރައީސް ބައްދަލުކުރައްވަން ފައްޓަވާފައިވާއިރު، ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު އެމަނިކުފާނުވަނީ ހޯއްދަވާފައެވެ.