ENGLISH
24 ނޮވެމްބަރު 2025
ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދޭނެ ފައިނޭންސިން ޕްރޮޑަކްޓެއް އެސްއެމްއީ ޑިޖިޓަލްއިން ތަޢާރަފްކޮށްފި
24 ނޮވެމްބަރު 2025
|
އުފެއްދުންތެރިކަމުގެ މައުރަޒުގައި އެސްއެމްއީގެ ޑިޖިޓަލްގެ މަޢުލޫމާތު ފޯރުކޮށްދެނީ. މިއަދު ވަނީ އާ ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފްކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައި. ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި، އެސްއެމްއީ ޑިޖިޓަލްއިން އާ ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފްކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން މިއަދު އާއްމުކުރި މަޢުލޫމާތުގައި ބުނީ، މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކުއިޕްމަންޓް، ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެކަމަށެވެ.
ފައިނޭންސިން ބޭނުންކޮށްގެން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 100،000 ރުފިޔާއިން ފެށިގެން 5،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއްވެސް ރަހުނަކާ ނުލައި 1،000،000 އާއި ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިން ފޯރުކޮށްދޭއިރު، ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 7 އަހަރުގެ މުއްދަތެއް ދޭނެއެވެ.
ރަހުނެއް ހިމެނޭހެން ފެސިލިޓީ ނަގާނަމަ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފައެވެ. ފެސިލިޓީގައި އަހަރަކަށް ފައިދާ ހިސާބުކުރާނީ 9 އިންސައްތަ އާއި 10.5 އިންސައްތައާ ދެމެދުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ލުއިފަސޭހަކޮށް ދޫކުރެވޭ މި ފައިނޭންސިންގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ދިވެހި އިގުތިސާދަށް އިތުރުކުރިއެރުން ގެނެސްދިނުމަށް އެހީތެރިވެދޭނެއެވެ.
"މި ފައިނޭންސިންގެ ބޭނުމަކީ ރާއްޖޭގެ އިގުތިސާދަށް އެހީތެރިވެދިނުމާއި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުން. ވިޔަފާރިތަކުން ހަރުމުދާ ގަތުމަށް ކުރިމަތިވާ މާލީ ދަތިތަކަކީ، އެފަރާތްތަކުގެ ކުރިއެރުމަށް ހުރަހަކަށް ވެފައިވާ ކަމެއް. މި ފައިނޭންސިންއާ އެކު، މިހާރު ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދެވި، ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، އައު އިކުއިޕްމަންޓް އަދި މެޝިނަރީގެ އެހީގައި، އާ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބޭނެ" މި ފައިނޭންސިންއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.
މި ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.