ENGLISH
24 ނޮވެމްބަރު 2025
ކުނި މެނޭޖްކުރާ މަޝްރޫޢުތައް 137 ރަށެއްގައި ވަނީ ފަށާފަ: ވަޒީރު ޠާރިޤު
24 ނޮވެމްބަރު 2025
|
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް، 137 ރަށެއްގައި ކުރިއަށްދާކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ "މަގޭ ސާފު ރާއްޖެ 2025" ޤައުމީ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޙިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ލ. ގަމުގައި ކުރިއަށްގެންދާ މި ކޮންފަރެންސް ކުރިއަށްދާނީ ނޮވެމްބަރު 24 އިން 26 ގެ ނިޔަލަށެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ މިފަދަ މަޝްރޫޢުތައް ގާއިމްކުރުމުގެ މަސައްކަތްތަކަކީ ސަރުކާރުގެ ކޯޕަރޭޝަންތަކާއި އަމިއްލަ ކުންފުނިތަކާއި ގުޅިގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ. ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ޕެރެލަލް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އުސޫލުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ގައުމީ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ. އަދި ކުނީގެ މައްސަލަތަކަށް ދާއިމީ ހައްލެއް ތަންފީޒުކުރުމާއެކު ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތައް ހޯދުމެވެ.
މި ބައްދަލުވުމުގައި ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކުރުމަށް މަގުފަހިކޮށްދީ، ފިޔަވަޅު އެޅޭނެ ޕްލޭންތައް އެކުލަވާލައި، މި ދާއިރާއިން ހޯދޭނެ ކުރިއެރުންތަކާ މެދު ވިސްނުމުގެ މުހިންމުކަމަށް ވެސް ވަޒީރު އަލިއަޅުއްވާލާފައިވެއެވެ.
ވަޒީރު ވަނީ ތިމާވެށްޓާއި އާންމު ސިއްހަތު ހިމާޔަތް ކުރުމަށްޓަކައި ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އަވަސްވެގަތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުނި މެނޭޖްކުރުމަށް ގައުމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ސާފު ރާއްޖެއެއް ބިނާކުރުމަށް ވީ ވަޢުދުގެ މުހިންމު ބައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.
"މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025"ގެ ނަމުގައި ހައްދުންމަތީ ގަމުގައި ކުރިއަށްދާ މަހާސިންތާގައި ރާއްޖޭގެ 7 އަތޮޅެއްގެ އެކި ރަށްރަށުން ބައިވެރިވެއެވެ.