ENGLISH

24 ނޮވެމްބަރު 2025

Advertisement

މުސާރައަށް ގެނައި ބަދަލާއެކު، ފުރިހަމަ މުސާރަ ލިބެން ފަށާނީ ޑިސެމްބަރު ނިމުމުން: މާލީ ވުޒާރާ

24 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ދައުލަތުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ. މުސާރައިގެ ކުރިއެރުމާއެކު ފުލް މުސާރަ ލިބެން ފަށާނީ ޑިސެމްބަރުން ފެށިގެން.

ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބު ކުރަމުންދާ އުސޫލަކީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމަށްވާތީ، 1 ނޮވެންބަރުން ފެށިގެން ޕޭ ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ލިބޭ މުސާރައިން ކަމުގައި މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. 

މާލީ ވުޒާރާއިން ބުނީ މުސާރަ ހިސާބު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަލާއިރު، ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބުކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި ޢިނާޔަތްތައް ހިމަނައިގެން ކަމަށެވެ. އަދި 1 ނޮވެންބަރުން ފެށިގެން ލިބޭ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބުކޮށްފައިވާނީ ނޮވެންބަރު މަހު 1 ން ފެށިގެން 15 ގެ ނިޔަލަށް ކަމަށްވާތީ، ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވަރކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި ޢިނާޔަތްތަކުގެ އެއްބައި ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. 

މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބު ކުރަމުންދާ، ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 އާއި ހަމައަށް އޮންނަ އުސޫލަކީ ސިވިލް ސާވިސްގެ ގާވާއިދާއެއްގޮތަށް 2010 ވަނަ އަހަރު އަމަލުކުރަން ފެށި އުސޫލެކެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު" އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށްވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ.

މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަޤާފަތެއް އާލާކުރުމަށް ކަމަށެވެ.

މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، ވަރކް-ލައިފް ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުން ހިމެނޭ ކަމަށްވެސް މާލީ ވުޒަރާއިން ބުނެފައިވެއެވެ. 

ސަރުކާރުން މުސާރައަށް ގެނައި ބަދަލާއެކު، 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ވަނީ ލިބިފައެވެ. އެގޮތުން އަސާސީ މުސާރައަށް ގެނައި ބަދަލުތަކާއެކު ސިވިލް ސާވެންޓުންނަށް 15 އިންސައްތައާއި 150 އިންސައްތައިގެ މުސާރައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު