ENGLISH
24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާ؛ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވުމާއެކު ކުރިމަތިވެވަޑައިގަތީ ހުރަސްތައް
24 ނޮވެމްބަރު 2025
|
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު
ރޭ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު އިސްތިއުފާދެއްވުމާއެކު، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީގައި އިސްތިއުފާ ދެއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ އޭނާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ގަސްތުކުރައްވާކަން އިއުލާނުކުރެއްވި ހިސާބުން ޕާޓީ ހިންގުމުގެ މަސައްކަތުގައި ހުރަސްތައް ކުރިމަތިވެވަޑައިގަތުމެވެ.
ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ފައްޔާޒުވަނީ އެމްޑީޕީގެ އެންމެ އިސް މަގާމު ކަމުގައިވާ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ފާއިތުވި މުއްދަތުގައި އެ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތްޕުޅާއި އެކަމުގައި ކަންކަން ނިމިގެންދިޔަ ގޮތުގެ މައްޗަށް ތަފުސީލުކޮށް އަލިއަޅުވައިލައްވާފަަައެވެ.
ފައްޔާޒުގެ ސިޓީގައި ފާހަގަކުރެއްވީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އެމްޑީޕީގެ އެންމެ މަގުބޫލު ދެ ލީޑަރުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެދުގައި އުފެދުނު ދެބަސްވުންތައް ބައިބައިވުމަށް ބަދަލުވިޔަނުދެއްވުމަށް 2022 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ކޮންގްރެސްއެއް ބޭއްވި ކަމެވެ. އެ ކޮންގުރެސްގެ ތެރެއިން ދެ ލީޑަރުންގެ މެދުގައި އުފެދުނު ދެބަސްވުން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ވާހަކަދައްކައިގެން މަޝްވަރާގެ ތެރެއިން ހައްލުތަކެއް ހޯދުމަށް އެއްބަސްވެވުނު ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.
އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގަންނަވާ ބޭފުޅަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވައި، އެ ޕްރައިމަރީގައި ޕާޓީގެ އެންމެ މަގުބޫލު ދެ ލީޑަރުން ވާދަކުރައްވާނެ ކަމުގައި ބެލެވުނު ހާލަތުގައި އެއީ ޕާޓީއަށާއި ގައުމަށްވެސް އެކަމުގެ ގެއްލުން ބޮޑުވާނެ ކަމެއް ކަމުގައި ފެނިވަޑައިގަތުމުން އެ ހާލަތަށް ކަންކަން ނުދާނެ ގޮތެއް ހޯއްދެވުމަށް ޗެއާޕާސަންގެ ހައިސިއްޔަތުން މަސައްކަތްކުރެއްވިކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ފަސް ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގައި ނަޝީދާއި އެމަނިކުފާނުގެ ޓީމާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިކަަމަށާއި، އެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަނުކުރެއްވުމާއެކު، ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ބާއްވައި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދުކުރުމާމެދުއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި މި ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަަރާއިން ދެ ފަރާތަށް އެއްބަަސްވެވޭ ހައްލެއް ނުހޯދުނެވެ. ނަމަވެސް އަނެއްކާވެސް ރައީސް ސޯލިހު އެދިވަޑައިގެން ނަޝީދާއެކު މަޝްވަރާތައް އަލުން ފައްޓަވަައި، ޕްރައިމަރީއަކާ ނުލައި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ދިނުމަށާއި، ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމާމެދު ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ވޯޓެއް ނެގުމަށާއި އެވޯޓުގައި އެމްޑީޕީން ވަކި ގޮތަކަށް ތާއީދުނުކުރަން ދެ ލީޑަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވުނު ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ އިސްވެރިންނަށް އެއީ އެންމެ ރަނގަޅު އެއްބަސްވުމެއް ކަމަށް ގަބޫލުނުކުރެއްވިގެން ނަޝީދާއެކު އެއިރު ގާއިމުކުރެވުނު އެއްބަސްވުމާ އެއްގޮތަށް ކުރިއަށްނުދިއުމަށް ނިންމި ކަމަށްވެސް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މިފަދަ ގިނަ ތަފުސީލުތަކެއް ހިމެނުނު ސިޓީގައި ފައްޔާޒު ފާހަަގަކުރެއްވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާނުކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ އޭނާއެވެ. ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ޕާޓީ ހިންގެވުމުގައި އޭނާ ނިންމަވާ ނިންމެވުންތަކަކީ އޭނާއަށް ފައިދާވާ ގޮތަށް ކުރާ ކަންކަން ކަމުގައި ތުހުމަތުކުރެވި އެކަމުގެ ހިޔަނި ޕާޓީގެ ހަރަކާތްތަކަށް އެޅެމުންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މިކަން މިހެން އޮތުމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ޕާޓީން ކުރާ ކަންކަމާ މެދު ސުވާލު އުފަައްދަ އެވެ،" ފައްޔާޒު ފޮނުއްވި ސިޓީގައި ލިޔުއްވާފައިވެއެވެ.
ފައްޔާޒުގެ ސިޓީގައި ވިދާޅުވި ގޮތުގައި ޕާޓީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު ޕާޓީގެ ކަންކަން ނިންމައި ކުރިއަށްގެންދިއުމަށް އޭނާއަކީ ހުރަހެއްގެ ގޮތުގައި ބަޔަކު އަންނަނީ ދެކެމުންނެވެ. އެކަން ނިމުމަކަށް ގެނައުމާއެކު، ޕާޓީގެ އާއްމު މެންބަރުންނަށް ޕާޓީގެ ލީޑަރުންނާމެދު ބަސް ބުނުމަށް ފުރުސަތު ހުޅުވައިލަން ވައުދުވެވަޑައިގަންފައިވާ ގޮތަށް އެ ފުރުސަތު ދެއްވުމަށްޓަކައި ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވަން ނިންމެވީ ކަމަށް ސިޓީގައި ފައްޔާޒު ވިދާޅުވިއެވެ.
އެއް އުރައެއްގައި ތިން ކަނޑިއަށް ނޯވެވޭނެކަން ފާހަގަކުރައްވަމުން ގައުމީ މަޖިލީހުގެ މެންބަރުންގެ އަރިހުން ފައްޔާޒު އެދިވަޑައިގަތީ އެމްޑީޕީގައި އެންމެ ލީޑަރަކު ހުންނަވާ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަށެވެ.
އެމްޑީޕީގެ ތެރެއިން ފެންނަނީ ހިތުގައި ޖެހުނު ޖެހުމަށް ތަސައްލީ ހޯދުން ގައުމާއި ޕާޓީއަށްވުރެ އިސްކުރާ މަންޒަރުކަމުގައި ފާހަގަކުރައްވަައި ފައްޔާޒު ވިދާޅުވީ "ސިޔާސީ ލީޑަރުންވާން ޖެހޭނީ މިފަދަ އިހުސާސްތަކުން އަރައިގަނެ ރައްޔިތުންގެ ހައްގުތައް ހޯދައިދޭ ބަޔަކަށް" ކަމުގައެވެ.