ENGLISH
24 ނޮވެމްބަރު 2025
ވިލިމާލޭގައި ޑޮލަރު އޭޓީއެމް ބަހައްޓައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ
23 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ވިލިމާލޭގައި އަންނަ އަހަރު ޑޮލަރު އޭޓީއެމްއެއްގެ ޚިދުމަތް ފަށައި، އަންނަ އަހަރު ވިލިމާލޭގެ އެންމެ ބޮޑު އެއް މަޝްރޫޢުގެ ގޮތުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިރޭ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވިލިމާލޭ މުޙްޔިއްދީން ސްކޫލުގައި އޮތް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ 70 ރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާއިރު، އެ ލިސްޓުގައި ވިލިމާލެ ހިމެނޭނެ ކަމަށެވެ.
އަންނަ އަހަރުގެ އިތުރު މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫޢަކީ 1200 މީހުންގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ވިލިމާލޭގައި އޮތް ދަނޑު ފީފާ ސްޓޭންޑާޑަށް ގެންދިއުމަށްޓަކައި ބަޖެޓުގައި ހިމަނައިގެން ދަނޑު ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ވިލިމާލޭގައި އިމާރާތްކުރާ 100 އެނދުގެ ހޮސްޕިޓަލާއި މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިހާރު ހުރި ހޮސްޕިޓަލް އެހެން ލޮކޭޝަނަކަށް ބަދަލުކުރަން ޙަވާލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މަގުތައް ހެދުމުގެ ހުރިހާ ކަމެއް އޮތީ ހަމަޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވިލިމާލޭ ރައްޔިތުންނަށް ދެއްވިއެވެ.
"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭގެ މަގުތައްވެސް ހަދާނެ. މަގު ހަދާއިރު ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމް އަޕްގްރޭޑް ކުރަންޖެހޭ، އެ މަސައްކަތް ކުރިއަށްދާނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ހޮސްޕިޓަލާއި މަގުހެދުމުގެ މަޝްރޫޢާއެކު ވިލިމާލޭގައި މިހާތަނަށް ދިމާވެފައި ހުރި ނުވަތަ އެންމެ ގިނަ ރައްޔިތުން އެދިފައިވާ މައްސަލަތަކަށް ޙައްލު އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިލިމާލެއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމަށެވެ. އަދި، މިދިޔަ މާޒީގައި ވިލިމާލޭގެ ރައްޔިތުންނަށް ނުވެ އޮތް ކަންކަން ފުރިހަމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިރޭ ވިލިމާލެއަށް ވަޑައިގަތުމުން، ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ.