ENGLISH
24 ނޮވެމްބަރު 2025
ވިލިމާލޭގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ޙަވާލުކޮށްފި
23 ނޮވެމްބަރު 2025
|
ވިލިމާލެ މަސްޖިދުއްސަލާމް ބިމުގައި 500 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާ ޙަވާލުކުރުން. ފޮޓޯ: އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
ވިލިމާލޭގައި 500 މީހުންގެ ޖާގައިގެން މިސްކިތެއް އަޅަން ޙަވާލުކޮށްފިއެވެ.
ވިލިމާލޭގައި އާ މިސްކިތް އަޅަނީ މަސްޖިދުއްސަލާމް ހުރި ބިމުގައެވެ. އެގޮތުން އެމަސައްކަތް ޙަވާލުކުރީ ފިޔަ ފައުންޑޭޝަނާއެވެ.
މިކަމުގެ އެއްބަސްވުމުގައި ފިޔަ ފައުންޑޭޝަނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވީ މިރޭ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައެވެ.
ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތުގެ އެއްބަސްވުމުގައި އެ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކްސްކޯ މެމްބަރު މުޙައްމަދު ވިޝާމްއެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ވިލިމާލޭގައި އިމާރާތްކުރުމަށް ނިންމާފައިވާ މިސްކިތުގެ ކުރެހުމެއް. ފޮޓޯ: އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އޮފީސް ބައެއް ހިމެނޭނެއެވެ.
މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާ ކުރުމަށް އިިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއުއެކެވެ.
ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި، ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ބައިވެރިވަޑައިގެންނެވިއެވެ. އަދި، ވިލިމާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައްދަލުވުމުގައި ބައިވެރިވެފައެވެ.