ENGLISH
23 ނޮވެމްބަރު 2025
މުދައްރިސުންގެ ހުނަރުވެރިކަން ތަރައްޤީކުރުމަށް ޕްރޮގްރާމެއް ފަށައިފި
23 ނޮވެމްބަރު 2025
|
މުދައްރިސުންގެ ހުނަރުވެރިކަން ތަރައްޤީކުރުމަށް ފެށި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:ތަޢުލީމީ ވުޒާރާ
ހުނަރުވެރިކަމުގެ ޕްރޮގްރާމްތަކަަށް މުދައްރިސުންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށްޓަކައި "އެންހޭންސިންގ ޓީޗަރޒް ކެޕޭސިޓީ ފޮ ސްކިލް ބޭސްޑް ޕްރޮގްރާމްސް ތުރޫ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.
މިއީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުންގެ އިސްނެގުމާއެކު ކުރިއަށްދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދެ އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށްޓަކައި، މުދައްރިސުންގެ ފަންނީ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.
ހަފްތާއެއްގެ މުއްދަތަށް ކުރިއަަށް ގެންދަން ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ވޮކޭޝަނަލް ތަޢުލީމު ދެއްވާ 26 ސްކޫލެއްގެ، 34 މުދައްރިސުން ބައިވެރިވެ އެވެ.
މި ޕްރޮގްރާމަކީ ޖީ.ޕީ.އީ. ގެ މާލީ އެހީގައި، ޔުނިސެފް ގްރާންޓް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ، 'ތައިބާ' ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ، ޤައުމީ ފެންވަރުގައި ހުރި އިންކްލޫސިވް ސްކިލް ހަބްތަކަށް އަމާޒުކޮށް ޓެކްނިކަލް އެހީތެރިކަން ފޯރޮކޮށްދިނުމެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން ހިންގާ މި ތަމްރީނު ފުރިހަމަކުރާ ބައިވެރިންނަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ދެއްވާ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން ލިބޭނެ އެވެ. މިއީ ފަންނީ ހުނަރުތައް ޔަޤީންކޮށްދިނުމަށް ޤައުމީ ފެންވަރުގައި ބަލައިގަންނަ މިންގަނޑެކެވެ.
މި ތަމްރީނުގެ ސަބަބުން ރާއްޖޭގެ ވޮކޭޝަނަލް އަދި ހުނަރުވެރިކަމުގެ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިކަން ލިބޭނެއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ވޮކޭޝަނަލް ތަޢުލީމު ފޯރުކޮށްދެނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އާ ގުޅިގެންނެވެ.