ENGLISH
23 ނޮވެމްބަރު 2025
އެފްސީޑީއޯގެ ޕާލަމެންޓްރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
23 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބ
އިނގިރޭސިވިލާތު ފޮރިން، ކޮމަންވެލްތު އެންޑް ޑިވަލޮޕްމެންޓް އޮފީސް (އެފްސީޑީއޯ) ގެ ޕާލިމަންޓްރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް، ސީމާ މަލްހޯތުރާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ޚާއްސަކޮށް އިޤްތިސާދީ ކުރިއެރުވުމަށް ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
މި ޒިޔާރަތުގައި ދެކެވުނު މައިގަނޑު ވާހަކަތަކުގެ ތެރޭގައި އަންހެނުންގެ ބާރުވެރިކަމާ، ސިޔާސީ އަދި ވަޒީފާގެ މާހައުލުގައި އަންހެނުން އިސްނެގުމުގެ މުހިންމުކަމާ، ތަޢުލީމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާ ވަކާލާތުކުރުމުގައި އަންހެނުންގެ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައިވެއެވެ.
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ސިވިލް ސާވިސްގައި މަސައްކަތް ކުރެއްވި އިރުގެ ތަޖުރިބާއާއި ގިނަ ދުވަސްތަކެއް ވަންދެން ކުޑަކުދިންގެ ރައްކާތެރިކަން ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކުގެ އެކި ދާއިރާތަކުން އަންހެނުންގެ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމަށް ހަދާފައިވާ ސަރުކާރުގެ ސިޔާސަތުތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާފައިވާ މަސައްކަތްތަކަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
ސީމާ މަލްހޯތުރާ ވަނީ ސިޔާސީ ދާއިރާގައި އިސްނެގުމާއި ހަމަހަމަކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތަފާތު އެކި ދާއިރާތަކުން އަންހެނުން ކުރިއެރުވުމާއި ބާރުވެރި ކުރުވުމަށް ކުރައްވާފައިވާ އަމިއްލަ މަސައްކަތްޕުޅުތަކާއި ވިސްނުންތައް ހިއްސާކުރެއްވުމާއެކު، މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމާއި ކުދިންނަށް ތައުލީމު ދެވޭނެ ފައިދާހުރި ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި އިނގިރޭސިވިލާތުގެ މިނިސްޓަރު ވަނީ މި އެއްބާރުލުން ދެމިއޮތުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވައި، ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ.