ENGLISH

22 ނޮވެމްބަރު 2025

Advertisement

ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވައިލަން އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނަން: ފުލުހުން

22 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފުލުހުންގެ ހިދުމަތުގެ ހަރަކާތެއްގެ ތެރެއިން، ފޮޓޯ: ސަން

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވައިލުމަށް ފުލުހުންގެ ހިދުމަތުގެ އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނެ ކަމުގައި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ. 

ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު ބަޔާނެއްގައި މިފަދައިން ބުނެފައިވަނީ ފުލުހުންގެ ބެލެމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓު ކޯޓޮންތަކެއް ގެއްލުނު މައްސަލައާ ގުޅިގެންނެވެ. 

މި މައްސަލައާ ގުޅިގެންފުލުހުންގެ ހިދުމަތުން މީޑިޔާއަށް މީގެ ކުރިން  މައުލޫމާތު ދިން ގޮތުގައި ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމތުގައި ބިދޭސީއެއްގެ އަތުން މިދިޔަ މޭ މަހުގައި އަތުލި 32 ކާޓަން ސިނގިރޭޓު ވިލިމާލޭ ފުލުސް ސްޓޭޝަނުގައި ބަހައްޓާފައިވަނިކޮށް، އެއިން ހަ ކާޓަނު ސިނގިރޭޓުވަނީ ގެއްލިފައެވެ. 

އެ ސިނގިރޭޓަކީ މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުތަކެއް ކަމުގައި ތުހުމަތުކުރެވިގެން ބިދޭސީއެއްގެ އަތުން ފުލުހުން އަތުލައިގަނެ ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓެވެ. 

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުންނަށް އިތުރަށް  ފާހަގަކުރެވުނީ ފާއިތުވި އަހަރުގެ ޑިސެންބރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަނު ސިނގިރެޓުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލިފައިވާ ކަމށެވެ. އެތަކެތިވެސް ހުރީ ވިލިމާލޭ ފުލުސް ސްޓޭޝަނުގައެވެ. 

ފުލުހުން ބުނެފައިވަނީ މިތަކެތި ގެއްލުނު މައްސަލައިގަ އިދާރީ ތަހުގީގެއް ފުލުހުންގެ ސްޓޭންޑާޑްސް ކޮމާންޑުން ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުން އެ މައްސަލައިގެ ޖިނާއީ ތަހުގީގު ވަކިން ކުރިއަށްްގެންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. 

މިއަދު ނެރުނު ބަޔާނުގައި ފުލުހުންގެ ހިދުމަތުން ބުނީ އެ ހިދުމަތުގެ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފަށް ހިނގާ މިފަދަ ކޮންމެ ކަމެއް ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއްވެސް ނޫންކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

އެކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއި، މަސައްކަތުގެ ހަރުދަނާ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއްކަން ފާހަގަކުރަމުން އެ ހިދުމަތުން ބުނެފައިވަނީ، އެކަމުގައި ބައިވެރިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއެޅުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެ އިދާރާއިން ކުރާނެ ކަމަށެވެ. 

އަދި ފުލުހުންގެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާއްމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރަށް އުނިކަން އަންނާނެ ގޮތަށް އެއްވެސް މުވައްޒަފަކު އަމަލުކުރުމަށް ފުރުސަތު ނުދޭނެކަމަށާއި، ފުލުހުންގެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަކީ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ބައެއްގެ ގޮތުގައި ސާބިތުވެ ތިބެ، އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރާ ބަޔަކަށް ހެދުމަކީ އެ މުއައްސސާގެ މަސައްކަތް ބައްޓަަންކުރާ މައިގަނޑު އަމާޒު ކަމުގައިވެސް ފުލުހުންގެ ހިދުމަތުގެ ބަޔާނުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު