ENGLISH
22 ނޮވެމްބަރު 2025
އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ވަނީ ގެނެވިފަ: ވަޒީރު އަމީން
22 ނޮވެމްބަރު 2025
|
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެއަހަރު ތެރޭ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ދެއަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން އެމްއެމްޓީވީއާ ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސް، އިތުރު ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުންގެންދަވާ ކަމަށެވެ.
"އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ތެރޭގައި ހިމެނިގެން ގޮސްފައި ހުންނާނެ އަޅުގަނޑުމެން އިލެކްޓްރިކަލް ބަސް ގެނައުމާ އަދި މިހާރު ބަސް ރޫޓުތައް ބަދަލުކުރުމާ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ސްކޫލުތަކަށް ބޭނުންވާ ބަސްތައް އިތުރުކުރުމާ އަދި ޓެކްސީ ލައިންގެ މަސައްކަތް ވެސް މިހާރުވެސް ކުރެވިގެން މިދަނީ" ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޚާއްޞަ އިސްކަމެއް ދެއްވައިގެން، މާލޭގެ ތޮއްޖެހުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން ޤަވާއިދުތައް ބަދަލުކޮށް، ވެހިކަލް އެތެރެކުރުމުގައި "ރެސްޓްރިކްޝަންސް" ތަކެއް ގެނައުން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މާލޭގައި ސައިކަލު މަދުކުރުމަށްޓަކައި، ޤާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާ ކަމަށެވެ. އެ މަސައްކަތާއެކު ރަޖިސްޓްރީ ކުރުމުގެ އުޞޫލަށް ވެސް ބަދަލުތަކެއް ގެންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ޕާކިން އިމާރާތްތައް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑު އިސްކަމެއްދެއްވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ލަސްތަކެއް ނުވެ ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް ވެސް ފައްޓަވާނެކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
މީގެކުރިން ކުޑައަގެއް ދީފައި މާލެއަށް ވެހިކަލް އެތެރެކުރުން އާއްމުވި ނަމަވެސް، މިހާރު އެކަމަށް އެދެވޭ ހައްލެއް ސަރުކާރުން ވަނީ ގެނެސްފައެވެ. އެގޮތުން، ގަރާޖެއް ދެއްކުމަށްފަހުގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދެއް މިހާރު ނުގެނެވެއެވެ. އެ ނިންމުމާއެކު، ތޮއްޖެހިފައިވާ މާލެއަށް އުޞޫލުން ބޭރުން އުޅަނދު އިތުރުވުން ވަނީ ހުއްޓިފައެވެ.
މާލެ ސަރަޙައްދުގައި ފެންވަރު ރަނގަޅު ޓެކްސީ ޚިދުމަތް ދިނުމަށްޓަކައި، ސަރުކާރުން މިހާރު މަސައްކަތްކުރަމުން އަންނަނީ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށެވެ. އެގޮތުން ޓެކްސީ ލައިން ފެށުމުގެ ކުރިން އެ ޚިދުމަތަށް ބޭނުންވާ 407 ޑްރައިވަރުން ހޯދަން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.