ENGLISH
22 ނޮވެމްބަރު 2025
އަލަށް ހުޅުވި އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ޚިދުމަތްދޭން ފަށައިފި
22 ނޮވެމްބަރު 2025
|
މާފަންނުގައި ހުޅުވި އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު. މިއަދު ވަނީ ޚިދުމަތް ދޭން ފަށާފައި. ފޮޓޯ: ރައީސް އޮފީސް
މާލޭގައި ޤާއިމުކުރި އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ (ޔޫޕީއެޗްސީ) އިން މިއަދު ޚިދުމަތްދޭން ފަށައިފިއެވެ.
ޔޫޕީއެޗްސީގެ މާފަންނު ބްރާންޗް 2025 ނޮވެމްބަރު 19 ވަނަ ދުވަހު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޔޫޕީއެޗްސީއިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް ޚިދުމަތްދޭނެއެވެ. ހުކުރު ދުވަހު މެންދުރު ފަހު 3:30 އިން ރޭގަނޑު 10:00 އަށް ޚިދުމަތްދޭނެއެވެ. އަދި، ސަރުކާރު ބަންދު ދުވަސްތަކުގައި ސެންޓަރުގެ ޚިދުމަތް ބަންދުވާނެއެވެ.
އައިޖީއެމް ހޮސްޕިޓަލުން ބުނީ، ޔޫޕީއެޗްސީގެ އަމާޒަކީ ދުޅަހެޔޮ މިޖުތަމަޢުއެއް ބިނާކުރުމަށް ބޭނުންވާ ޢާއްމު ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ރައްޔިތުންގެ ޞިއްޙަތު ދުޅަހެޔޮ ޙާލަތެއްގައި ބެހެއްޓުމަށް ބޭނުންވާ މެޑިކަލް ޗެކަޕްތައް ހެދުމާއި، ޢާއްމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ދިނުން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އެހެނިހެން ތަފާތު ޞިއްޙީ ޚިދުމަތްތައް އެ ސެންޓަރުގެ ތިން ކްލިނިކުން ފޯރުކޮށްދޭނެ ކަމަށެވެ.
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ޞިއްޙީ ދާއިރާއެވެ.