ENGLISH
22 ނޮވެމްބަރު 2025
މަގު ހެދުމުގެ ހަ މަޝްރޫއު ނިންމައި 87 މަޝްރޫއެއް ހަވާލުކޮށްފި
22 ނޮވެމްބަރު 2025
|
އެމްޓީސީސީން މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އެމްޓީސީސީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަގުހެދުމުގެ ހަ މަޝްރޫއެއް ނިންމާލައި، 87 މަޝްރޫއެއްގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރިސްޓްރަކްޗާއިން ހަވާލުކޮށްފިއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި ނިންމާފައިވާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދިޔަ ފަސް މަޝްރޫއު ހިމެނެއެވެ. އެއީ ށ.މިލަންދޫއާއި ގދ.ތިނަދޫއާއި ރ.އުނގޫފާރާއި ފުވައްމުލަކު ސިޓީގެ އިތުރަށް އައްޑޫ ސިޓީގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތެވެ.
އޭގެ އިތުރަށް އިންޑިޔާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫ ސިޓީގެ މަގުހެދުމަށް އެމްޑީޕީގެ ވެރިކަމުގައި ފެށި 400 އެތައް މިލިއަން ރުފިޔާގެ މަޝްރޫއުވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަަށްފަހުވަނީ ނިންމާފައެވެ.
ނިންމާފަައިވާ މަޝްރޫއުތަކުގެ އިތުރަށް 18 އަތޮޅެއްގެ ރަށްރަށުގެ މަގުހެދުމުގެ މަސައްކަތް މިހާރު އެކި ކުންފުނިތަކާ ހަވާލުކޮށްފަައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ހއ. އަތޮޅުގެ ހަތް ރަށާއި ކުޅުދުއްފުށިި ހިމެނޭ ގޮތަށް ހދ. އަތޮޅުގެ ހަތް ރަަށާއި، ށ.އަތޮޅުގެ ހަތް ރަށާއި، ނ.އަތޮޅުގެ ފަސް ރަށާއި، ރ.އަތޮޅުގެ ހަތަރު ރަަށުގެ މަގުހެދުމުގެ މަސައްކަތްވަނީ ހަވާލުކޮށްފައެވެ.
ބ.އަތޮޅުގެ ތިން ރަށާއި، ޅ.އަތޮޅުގެ ތިން ރަށުގެ އިތުރަށް ކ.އަތޮޅުގެ ދެ ރަށާއި، މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގުގެ މަސައްކަތްވެސް ހަވާލުކޮށްފައިވެއެވެ. އަދި އއ.އަތޮޅުގެ ފަސް ރަށާއި، އދ. އަތޮޅުގެ ދެ ރށާއި، މ.އަތޮޅުގެ ތިން ރަށާއި، ފ.އަތޮޅުގެ ދެ ރަށަކާއި ދ.އަތޮޅުގެ ދެ ރަށަކާއި، ތ.އަތޮޅުގެ 11 ރަށާއި، ލ.އަތޮޅުގެ 8 ރަށާއި ގއ.ގެ ހަތަރު ރަށަކާއި، ގދ.ގެ ދެ ރަށުގެ އިތުރަށް ފުވައްމުލައް ސިޓީގެ މަގުހެދމުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ.
އައްޑޫ ސިޓީ ލިންކް ރޯޑުގެ މަސައްކަތް ފަށާފައިވާއިރު އެ ސިޓީގެ ފަސް އަވަަށާއި އެ އަތޮޅުގެ މީދޫއާއި ހުޅުދޫގެ މަގުހެދުމުގެ މަސައްކަތްވެސް އޮތީ ހަވާލުކޮށްފައެވެ.
ސަރުކާރުން ހަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1،800 އަށްވުރެ ގިނަ މަޝްރޫއު ހިންގަމުންދާއިރު އެއިން 1،300 އަށްވުރެ ގިނަ މަޝްރޫއަކީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ސަރކާރުން އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ.