ENGLISH
22 ނޮވެމްބަރު 2025
އެއަރ އެމްބިއުލަންސްގެ ޚިދުމަތް؛ މިހާތަނަށް 114 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މާލީ އެހީ
22 ނޮވެމްބަރު 2025
|
އެއަރ އެމްބިއުލަންސް ރާއްޖެ ތަޢާރަފްކުރި ފަހުން މިހާތަނަށް، 114 މިލިއަނަށް ވުރެ ގިނަ ރުފިޔާ މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
ސަރުކާރުގެ 104 ހަފްތާގެ އަދާހަމަ އެ އިދާރާގެ މީސްމީޑިއާގައި އާއްމުކުރަމުންދާއިރު، މިއަދު އާއްމުކުރީ އެއަރ އެމްބިއުލަންސް ޚިދުމަތުގެ ތަފާސްހިސާބެވެ.
އެއަރ އެމްބިއުލަންސްގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ 2024 ފެބްރުވަރީ 28 ވަނަ ދުވަހެވެ. އަދި، ޚިދުމަތް ފަށާފައިވަނީ 2024 މާރިޗު 1 ވަނަ ދުވަހެވެ.
އެންސްޕާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުގައި ބުނީ 2024 ވަނަ އަހަރު އެއަރ އެމްބިއުލަންސްގެ ޚިދުމަތަށް 29،010،000 ގެ މާލީ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި، 2025 ވަނަ އަހަރުގެ މިހާތަނަށް 85،100،000 މިލިއަން ދިވެހި ރުފިޔާ މިހާތަނަށް މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވާކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
ތަފާސްހިސާބުގެ ދެ އަހަރުގެ ޖުމްލަ އަދަދަށް ބަލާއިރު އެއީ 114،110،000 (ސަތޭކަ ސާދަ މިލިއަން އެއްލައްލަ ދިހަހާސް ރުފިޔާ) އެވެ.
ސިއްހީ އެމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ޚާއްސަ ކޮށްފައިވާ އެއާ އެމްބިއުލަންސްގެ ހިދުމަތް ދެމުން އަންނަނީ ރާއްޖޭގެ ގައުމީ އެއާ ލައިން، މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.
ޞިއްޙީ ވުޒާރާއިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މާރިޗު 1 އިން މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އެ ޚިދުމަތުގެ ދަށުން 1372 ދަތުރުކޮށް 1556 ބަލިމީހުން އުފުލާފައިވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފުޅާކުރުމަށް މިހާރު ވަނީ ރާއްޖޭން ބޭރުން އެ ޚިދުމަތް ދިނުމަށް މޯލްޑިވިއަންއާ އެކު އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން، އެއަރ އެމްބިއުލަންސްގެ ދަތުރުތައް ކުރުމަށް ތައްޔާރުވަމުން އަންނަނީ ތައިލެންޑާއި ދުބާއީއަށެވެ.