ENGLISH
22 ނޮވެމްބަރު 2025
މައްސަލަތައް ބެލުމުގައި ވަކި ފަނޑިޔާރަކަށްވީތީ ތަފާތު ނުކުރަން: ޖޭއެސްސީ
22 ނޮވެމްބަރު 2025
|
ޖުޑީޝަލް ސާވިސް ކޮމިޝަން، ފޮޓޯ: ވޮއިސް
ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރުންނާ ގުޅުންހުރި ސުލޫކީ މައްސަލަތައް ބެލުމުގައި ވަކި ފަނޑިޔާރަކަަށްވީތީ އެއްވެސް މިންވަރަކަށް ތަފާތުނުކުރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
މިފަދައިން ޖޭއެސްސީން ބުނެފައިވަނީ ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ކޮމިޝަނުން ބަލަމުންދާކަމުގެ ހަބަރު ފެންމަތިވުމާއެކު، އެ ކޮމިޝަނަށް ބައެއް ފަރާތްތަކުން އެކި ބާވަތްތަކުގެ ތުހުމަތުތައް އަމާޒުކުރަމުންދަނިކޮށް އިއްޔެ ނެރުނު ބަޔާނެއްގައެވެ.
ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަކި ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލައަށްވާތީ އެއްވެސް މައްސަލަައެއް ބެލުމުގައި ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށާއި، ތަހުގީގުކުރުމުގައި ކޮމިޝަނުން ބަލާނީ ހުށަހެޅިފައިވާ މައްސަލަތަކާއި، އެ މައްސަލަތަކާ ގުޅިގެން ކޮމިޝަނަަށް ލިބޭ ހެކީގެ މައްޗަށް ކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ ކޮންމެ މައްސަލައެއް ބަލައިގަތުމާއި ތަހުގީގުކުރުމުގައި ބަލާނީ އެ ޝަކުވާއަކާ ގުޅިގެން ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށް ކަމަށެވެ. އެގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކުރާ ކަންކަމާ ގުޅޭ ގޮތުން ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައުލޫމާތު ސާފުކޮށް ބަލަންޖެހޭ ހުރިހާ ކަމެއް ކޮމިޝަނުން ބަލަމުންދާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
"ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ވީނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އަލީގައި މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ،" އެ ކޮމިޝަނުން ބުނެފައިވެއެވެ.
މިހާތަނަށް މި އަހަރު އެ ކޮމިޝަނށް 176 މައްސަލަައެއް ހުށަހެޅިފައިވާއިރު އެއިން 57 ޝަކުވާއެއް ތަހުގީގުކުރުމަށް ިންމާފައިވެއެވެ. އެއިން ސާބތުވި މައްސަލަތައކުގައި ފިޔަވަޅުއެޅުމަށް ނިންމީ ހަ ފަނޑިޔާރަކާމެދުއެވެ. އެއީ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ 3.4 އިންސައްތަ މައްސަލަ ކަމުގައި ކޮމިޝަނުން ބުންޏެވެ.
ޖޭއެސްސީން ބުނެފައިވަނީ ވަކި ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލަ ހާއްސަ ސަަމާލުކަމެއް ދީގެން ބަލަމުންދާކަމަށް މައުލޫމާތު ފެތުރުމަކީ ޒިންމާދާރު ގޮތެއް ނޫން ގޮތަށެވެ.