ENGLISH
22 ނޮވެމްބަރު 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައެއް ބަލަނީ
22 ނޮވެމްބަރު 2025
|
ވަގަށް އެތެރެކުރަނިކޮށް ކަސްޓަމުން އަތުލައިގަތް ސިނގިރެޓުތަކެއް، ފޮޓޯ: ކަސްޓަމްސް
ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހުރި 31 ސިގިރެޓު ކާޓަނު ގެއްލުނު މައްސަލައެއް އެ އިދާރާއިން ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ހިދުމަތުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމތުގައި ބިދޭސީއެއްގެ އަތުން މިދިޔަ މޭ މަހުގައި އަތުލި 32 ކާޓަން ސިނގިރޭޓު ވިލިމާލޭ ފުލުސް ސްޓޭޝަނުގައި ބަހައްޓާފައިވަނިކޮށް، އެއިން ހަ ކާޓަނު ސިނގިރޭޓުވަނީ ގެއްލިފައެވެ.
އެ ސިނގިރޭޓަކީ މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުތަކެއް ކަމުގައި ތުހުމަތުކުރެވިގެން ބިދޭސީއެއްގެ އަތުން ފުލުހުން އަތުލައިގަނެ ފުލުހުންގެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުންނަށް އިތުރަށް ފާހަގަކުރެވުނީ ފާއިތުވި އަހަރުގެ ޑިސެންބރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަނު ސިނގިރެޓުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލިފައިވާ ކަމށެވެ. އެތަކެތިވެސް ހުރީ ވިލިމާލޭ ފުލުސް ސްޓޭޝަނުގައެވެ.
ފުލުހުން ބުނެފައިވަނީ މިތަކެތި ގެއްލުނު މައްސަލައިގަ އިދާރީ ތަހުގީގެއް ފުލުހުންގެ ސްޓޭންޑާޑްސް ކޮމާންޑުން ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުން އެ މައްސަލައިގެ ޖިނާއީ ތަހުގީގު ވަކިން ކުރިއަށްްގެންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ސިނގިރެޓު ވަގަށް އެތެރެކުރުން އިތުރުވެފައިވާއިރު ވަގަށް އެތެރެކުރާ ސިނގިރެޓު އަތުލައިގަނެ ދައުލަތުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނަގާ މައްސަލަތައް ފެންމަތިވާން ފަށާފައިވެއެވެ. އެގޮތުން ކަސްޓަމުން އޭޕްރީލު މަހު އަތުލައިގަތް ދެ ކޮންޓެއިނަރު ސިނގިރެޓު ހުޅުމާލޭގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނަގާފަައިވެއެވެ.
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ތަހުގީގުކުރަމުންދާއިރު އެ މައްސަލާގައި މަޝްހޫރު ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމާއި އެމްޕީއެލްގެ ބައެއް މުވައްޒަފުން ހައްޔަރުކޮށްފައިވެއެވެ.