ENGLISH

21 ނޮވެމްބަރު 2025

Advertisement

ދަޢުވާއަށް ރަޢުދު އިޢުތިރާފު ވެއްޖެ

21 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައުދު އަޙްމަދު ޛިލާލް

އޭޕްރީލް 18، 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ކުރި ދަޢުވާއަށް އޭނާ އިއުތިރާފު ވެއްޖެ އެވެ.

ރައުދުގެ މައްޗަށް ދަޢުވާ ކުރީ މިއަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 04:54 ހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ އެވެ.

ރައުދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ. 

ރައުދުގެ މައްޗަށް ކުރި ދަޢުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުގައި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހެޅި އެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށް ޕީޖީ އޮފީހުން ނިންމި އެވެ.

އިއްޔެ ބޭއްވުނު މައްސަލައިގެ އަޑުއެހުމުގައި އޭނާ ކުށަށް ވަނީ އިޢުތިރާފުވެފަ އެވެ. އަދި އަވަސްނިޔާގެ އަޑުއެހުން މިމަހު 26 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ރައުދުއަށް ތުޙުމަތުކުރާ މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ މެއި 27 ވަނަ ދުވަހެވެ. އެދުވަހު ރައުދު ދޫކޮށްލީ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އިރުޝާދުދީފައިވާތީއެވެ. 

އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނީ ޙައްވާ ޔުމްނު ރަޝީދެވެ. 

ރައުދުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެ ހާދިސާގައި ދެން ހިމެނޭ ޔުމްނުގެ ބަޔާނެއް އަދި ނެގޭ ގޮތެއް ނުވެ އެވެ. ފުލުހުން ބުނީ ޔުމްނުގެ އާއިލާގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު