ENGLISH

20 ނޮވެމްބަރު 2025

Advertisement

ކުޑަކުދިންގެ އުފާފާގަތިކަމަށް އަހުމިއްޔަތުކަންދެއްވުންމަތީ ދެމިހުންނަވާނޭކަން ރައީސް ހާމަކުރައްވައިފި

20 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ކުޑަކުދިންނަށް، ރައްކާތެރިކަމާއި، އަބުރުވެރިކަމާއި، ފުރުޞަތުތައް ކަށަވަރުކޮށްދިނުމުގައި ދިވެހިން ތިބީ އެއް އަޒުމެއްގައިކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައެވެ. 

އެމަނިކުފާނުގެ މެސެޖުގައި ދިވެހި ކުޑަކުދިން ސިފަކުރައްވާފައި ވަނީ، މި ޤައުމުގެ އުންމީދު އަދި ފާގަތި މުސްތަޤުބަލެއްގެ ބިންގަލުގެ ގޮތުގައެވެ. އަދި ކޮންމެ ކުއްޖަކަށްވެސް، އެކުއްޖެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ވެއްޓެއް ޤާއިމުކުރުމަށްޓަކައި، މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ، އެކަމަނާގެ އެކްސް އެކައުންޓުން މެސެޖެއް ހިއްސާކުރައްވާފައެވެ.

އެކަމަނާގެ މެސެޖުގައި ވަނީ، ކުޑަކުދިންގެ ވާހަކަތައް ކަނުލައި އަޑުއަހައި، އޯގާތެރިކަމާއެކު އެކުދިންނާ މުއާމަލާތުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންގެ ހިތްވަރާއި، އުފެއްދުންތެރިކަމަށް އިޝާރާތްކުރައްވައި، ކުޑަކުދިންގެ ޝުޢޫރުތަކާއި ޚިޔާލުތަކަށް އިޙުތިރާމު ޙައްޤުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިންނަށް މާނަވީ ގޮތެއްގައި ފުރުޞަތުތައް ހޯދައިދީ، އުންމީދުން ފުރިގެންވާ މުސްތަޤުބަލެއްގެ ތަސައްވުރު، އެކުދިންނަށް ހޯދައިދިނުމަކީ ޖަމަޢީ މަސްއޫލިއްޔަތެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަސް، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރަނީ، ކުޑަކުދިންގެ ހެވާއި ލާބައަށް މަސައްކަތްކޮށް، އެކުދިންގެ ޙައްޤުތައް ނެގެހެއްޓުމަށް މުޅި ދުނިޔެ ހިއްސާކުރާ ޒިންމާ ހަނދާންކޮށްދޭ މުނާސަބަތެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު