ENGLISH
20 ނޮވެމްބަރު 2025
މާލޭގެ ޒުވާނުންގެ ވެހި ރައީސް ހުޅުއްވައިދެއްވައިފި، އެދިއެދި ތިބި ގިނަ ޚިދުމަތްތަކެއް ލިބޭނެ
20 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޒުވާނުންގެ ވެހި ހުޅުވައިދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
މާލޭގައި ޒުވާނުންގެ ހާއްސަ ވެހީގެ ގޮތުގައި ގިނަ ހިދުމަތްތަކެއް ލިބޭ ޒުވާނުންގެ މަރުކަޒެއް ނުވަތަ ޔޫތު ހަބު މިއަދު ހުޅުވައިދެއްވައިފިއެވެ.
މިއަދު އެ ވެހި ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އެ ވެހި ގާއިމުކުރީ 1980 ވަނަ އަހަރު ޒުވާނުންގެ މަރުކަޒުގެ ގޮތުގައި ހުޅުވައި، 1991 ވަނަ އަހަރުން ފެށިގެން މުލިއާގޭގެ ވެހިކަލް ގަރާޖެއްގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތުގައެވެ.
މިއަދު އެ ވެހި ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ އެތަން މިއަދު ޒުވާނުންނަށް ބޭނުންކުރެވޭ ވެއްސެއްގެ ގޮތުގައި ތަރަައްގީކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ކަމަށެވެ.
އެތަން ޒުވާނުންގެ ވެއްސަށް ބަދަލުކުރުމުގެ ހިޔާލު ކެބިނެޓަށް ގެންނަވައި، އެ މަސައްކަތް ހަވާލުކުރެއްވީ ސީދާ ރައީސް ކަމަށާއި، އެ ތަނުގައި ވެހި ތަރައްގީކޮށް ހުޅުވިގެންދިޔައީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ތަނުގައި ގާއިމުކުރެވި ހިދުމަތްތަކުގެ ތެރޭގައި، ކުރަހާ ކުދިންނަށް ބޭނުންވާ އާޓް ސްޓޫޑިއޯއެއް ހުންނާނެއެވެ. ލޮކަރުތަކާއި ބޯޑުތަކާއެކު ޒުވާނުންނަށް ކުރެހުމާއި އާޓް މަސައްކަތްތަކަށް ބޭނުންކުރެވޭނެއެވެ. އޭގެ އިތުރަށް މިއުޒިކް ބޭންޑުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ހާއްސަ ސްޓޫޑިއޯއެއް ހުންނާނެއެވެ.
އޭގެ އިތުރަށް އެތަަނުގައި މަދަނީ ޖަމްއިއްޔާތަކުގެ ވޯކްޝޮޕްތަކާއި އެކި ބާވަތުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަަށް ބޭނުންވާ ޖާގަތައް ގާއިމުކުރެވިގެންދާނެ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލު ދަރިވަރުންނަށް ކިޔަވަން ބޭނުންކުރެވޭ ގޮތަށް ސްޓަޑީ ރޫމުތަކެއްވެސް ގާއިމުކުރެވިފައި ހުންނާނެއެވެ.
އެތަނުގައި ޒުވާނުންނަށް ހާއްސަކޮށް ޖިމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އެ ހިދުމަތްވެސް ހުޅުވިގެންދާނެ ކަމަށެވެ. އަދި ޒުވާނުންނަށް ކައުންސިލިން ދޭނެ ތަނެއް ހެޕިނަސް ލައުންޖުގެ ނަމުގައި ގާއިމުކުރެވިގެންދާނެއެވެ.
މިއަދު ޒުވާނުންގެ ވެހި ހުޅުވައިދެއްވުމަށްފަހު ރައީސްވަނީ އެ ތަނުގައި ގާއިމުކުރެވިފައި ހުރި ވަސީލަތްތައް ބައްލަވާލައްވާފަައިވެއެވެ.