ENGLISH
20 ނޮވެމްބަރު 2025
"ދާރުލް އަަރްޤަމް" ވަގުފު އިމާރާތުގެ ބިންގާ އަޅުއްވައިފި
20 ނޮވެމްބަރު 2025
|
ރާއްޖޭގައި ވަގުފުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގައި ބިނާކުރާ ދާރުލް އަރްޤަމް އިމާރާތުގެ ބިންގާ އަޅުއްވަައިދެއްވައިފިއެވެ.
ދާރުލް އަރުޤަމްް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްސީސީއާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 39،462،545.08 (ތިރީސްނުވަ މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ދެހާސް ފަސްލައްކަ ސާޅީސްފަސް) ރުފިޔާގެ އަގަކަށް 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މާލޭ ހެންވޭރުގެ 64 ވަނަ ނަންބަރު ކޮށީގައި އިމާރާތްކުރާ ދާރުލް އަރުޤަމްއަކީ 12 ބުރީގެ އިމާރާތެކެވެ. ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކުކުރެވޭނެ ގޮތް ހަމަޖެހިފައި ހުންނަައިރު، ފުރަތަމަ ފަންގިފިލާގައި ރިސެޕްޝަނެއް ހުންނާނެއެވެ.
އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދާރުލް އަރުޤަމް އިމާރާތުން އަހަރެއްގެ މައްޗަށް ދިހަ މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ.
އިސްލާމީ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އާމްދަނީ ހޯދުމަށްޓަކައި ވަގުފުގެ ދާއިރާ ފުޅާކުރެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ދާރުލް އަރުޤަމުގެ އިތުރަށް މާލޭގައި ކީރިތި ޤުރުއާނަަށް ޚާއްޞަ ވަޤުފު ޢިމާރާތަކާއި، ހުޅުމާލޭގައި އިތުރު ވަޤުފު އިމާރާތެއް އެޅުމަށް ހަމަަޖެހިފައިވެއެވެ.
މާލޭގެ އިތުރަށް ކުޅުދުއްފުށީ ސިޓީއާއި، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގައި ވަޤުފު އިމާރާތް އެޅުމަށް ހަމަޖެހިފައިވެއެވެ.