ENGLISH

20 ނޮވެމްބަރު 2025

Advertisement

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ބޮޑު ކުރިއެރުމެއް؛ ދެ މިލިއަން ޑޮލަރުން 126 މިލިއަން ޑޮލަރަށް

20 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގެ ނަމުގައި 2017 ވަނަަ އަހަރު ސަރުކާރުން ގާއިމުކުރި ފަންޑަކީ، ދިވެހިރާއްޖޭގެ އިގުތިސާދީ އިޖުތިމާއީ ތަރައްގީއަށް މުހިއްމު ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދިއުމުން ސަރުކާރުން ނަގާ ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އުފެއްދި ފަންޑެކެވެ. 

ސަރުކާރުތަކުން ނަގާ ދަރަނި އަންނަން ހުރި ޖީލުތަކާ ހަމައަށް ވާރުތަވިޔަނުދީ، އެ ދަރަނި އަދާކުރުމުގެ ބުރަ ކުރިއަށް އޮތް މުސްތަގުބަލުގެ ޖީލުތަކުގެ ބޮލުގައި ނާޅުވައި، ދަރަނި އަދާކުރަންޖެހޭ މުއްދަތު ޖެހުމުގެ ކުރިން އެއިރެއްގައި ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ފައިސާ ރައްކާކޮށްގެން ދަރަނި އަދާކުރުމަށް އުފެއްދި ފަންޑެކެވެ. 

2018 ވަނަ އަހަރު އެ ފަންޑުގައި 94 އިންސައްތަ ފައިސާ ހުރީ ޑޮލަރުންނެވެ. ނަމަވެސް 2019 ވަނަ އަހަރު އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީގެ މެދުގައި ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އެ ފަންޑުގައި ހުރި ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ދިނެވެ. 

ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު އެ ފަންޑުގައި ހުރި ފައިސާގެ ތެރެއިން ޑޮލަރުން ރައްާކުރެވިފައި ހުރީ އެންމެ 35 އިންސައްތަ ފައިސާއެވެ. އެއީ 2 މިލިއަން ޑޮލަރެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަަށްފަހު އެ ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އަހަރުން އަހަރަށް އެ ފަންޑުގައި ޖަމާވެފައި ހުރި ޑޮލަރުގެ އަދަދުއައީ އިތުރުވަމުންނެވެ. 

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު ސަރުކާރަށް ދެ އަހަރު ފުރުނުއިރު ދެ މިލިއަން ޑޮލަރުން 126 މިލިއަން ޑޮލަރަށް ފަންޑުގައި ހުރި ޑޮލަރުގެ އަދަދުވަނީ އިތުރުވެފައެވެ. އެއީ ދެ އަހަަރު ތެރޭގައި 6200 އިންސައްތައިގެ އިތުރުވުމެކެވެ. 

އެސްޑީއެފްގައި ހުރި ބޭރު ފައިސާގެ އަދަދު އިތުރުވުމަކީ އަންނަ އަހަރު ރާއްޖެއިން އަދާކުރަންޖެހޭ 600 މިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ރާއްޖެއަށް އަދާކުރެވޭނެ ކަމުގެ އިތުބާރު ބޮޑުވެ، ރާއްޖޭގެ އިގުތިސާދާމެދު ބޭރުގެ އިންވެސްޓަރުންގެ ޔަގީންކަން އިތުރުވާނެ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު