ENGLISH
20 ނޮވެމްބަރު 2025
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމު ކާމިޔާބު؛ 375 ޒުވާނަކު ތަމްރީނުކޮށް، %75 ބައިވެރިންނަަށް ވަޒީފާ
20 ނޮވެމްބަރު 2025
|
މެރިއޮޓްއާ ގުޅިގެން ސަރުކާރުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ބައިވެރިން، ފޮޓޯ: ޔޫތު މިނިސްޓްރީ
ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަށް އިގުތިސާދީ އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން މަސައްކަތު މާހައުލުގެ ތެރެއިން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ތެރެއިން 375 ޒުވާނަކު ތަމްރީނުކޮށްފިއެވެ.
އެމްއެމްޓީވީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޮވެންބަރު 17، 2023 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގުރާމުގެ ދަށުން 375 ޒުވާނަކު ތަމްރީނުކުރެވިފައިވެއެވެ.
އަދި މި މުއްދަަތުގައި އެޕްރެންޓިސްޝިޕް ޕްރޮގުރާމު ފުރިހަމަކޮށް ތަމްރީނު ލިބުނު ޒުވާނުންގެ ތެރެއިން 72 އިންސައްތަ ޒުވާނުންނަށް އެމީހުންނަށް ތަމްރީނު ލިބުނު ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކުރެވިފައިވެއެވެ.
ޒުވާނުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގުރާމުތަކުގެ ތެރެއިން 20 ރަށެއްގައި ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގުރާމުވަނީ ހިންގާފައެވެ. އެ ޕްރޮގުރާމުތަކުގައި 286 ޒުވާނަަކަށް ތަމްރީނު ދީފައިވެއެވެ.
އޭގެ އިތުރަށް ޒުވާނުން ގައުމީ ލޯތްބާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ އެކި ދާއިރާތަކުން ހާނުވައި ތަމްރީނުކުރުމަށް ރައީސް ޑރ.މުޢިއްޒުގެ އިސްނެންގެވުމަށް ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގުރާމުގައި މިހާތނަށް 350 ދަރިވރުން އަންަނީ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. މި ޕްރޮގުރާމު ފެށީ އޮކްޓޯބަރ އެއްވަނަ ދުވަހުއެވެ.
މި ޕްރޮގުރާމުގެ ދަށުން ތަމްރީނުކުރާ ދެވަނަ ބެޗުގައިވެސް 350 ދަރިވަރުން ތަމްރީނުކުރާނެއެވެ. އެ ބެޗުގައި ތަމްރީނުކުރާ ދަރިވަރުން މިހާރުވަނީ ނަގާފައެވެ.
ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެމަނިކުފާނުގެ އިސްނެންގެވުމަށް ސަރުކާރުން އަންނަނީ ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ޒުވާނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.