ENGLISH

20 ނޮވެމްބަރު 2025

Advertisement

މަތީ ތައުލީމު ދޭ މަރުކަޒުތައް ރޭންކުކުރެވޭނެ އުސޫލެއް އެކުލަވައިލަނީ

20 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު

ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމު ދޭ މަރުކަޒުތައް ރޭންކުކުރެވޭނެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ކުރަމުންދާކަމަށް އެ ވުޒާރާގެ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ހައިދަރު ވިދާޅުވީ މަތީ ތައުލީމާ ބެހޭ ގައުމީ ސިޔާސަތުގެ ދަށުން މަތީ ތައުލީމު ދޭ މަރުކަޒުތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ރެގިއުލޭޓަރީ އޮނިގަނޑުތައް މުރާޖައާކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ. 

އެގޮތުން މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި ކޮލިޓީ ސްޓޭންޑާޑްތައް އެކުލަވައިލުމާއެކު، މަތީ ތައުލީމު ދޭ މުއައްސަސާތައް ރޭންކުކުރެވޭނެ ގޮތުގެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާކަމަަށް ހައިދަރު ވިދާޅުވިއެވެ. 

ޑރ.ހައިދަރު މައުލޫމާތު ދެއްވި ގޮތުގައި މިހާރު ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދޭ 136 މަރުކަޒު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ޔުނިވަސިޓީއާއި، ސަރުކާރުގެ ދެ ކޮލެޖާއި، 10 އަމިއްލަ ކޮލެޖާއި، 31 ސަރުކާރުގެ އިންސްޓިޓޫޓާއި އަމިއްލަ 91 އިންސްޓިޓޫޓެވެ. އަދި 43 ކޮލެޖު ކެމްޕަސް ރަޖިސްޓްރީކުރެވިފައިވެއެވެ. 

އޭގެ އިތުރަށް ސަރުކާރުންވަނީ ހެކިތަކާއި ޑޭޓާގެ އަލީގައި ސިޔާސަތު އެކަށައެޅުމަށްޓަކައި ދިރާސީ މާހައުލެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަައެވެ. ޑރ.ހައިދަރު ވިދާޅުވި ގޮތުގައި މި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަަކީ ގައުމީ ފެންވަރުގެ ރިސާޗް ގްރާންޓު ފަންޑެއް ގާއިމުކުރުމެވެ. 

މިހާރު ގާއިމުކުރެވިފައިވާއިރު، ފަންޑާ ގުޅޭ ސިޔާސަތުތައް އެކުލަވައިލާ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ގައުމީ ދިރާސާ ކައުންސިލެއް މިހާރުވަނީ އުފައްދާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ގްރާންޓު ފަންޑުން ކުދި އަދި މެދުފަންތީގެ ގްރާންޓުތައް ދޫކުރާނީ ގްރާންޓު މެނޭޖަރުން މެދުވެރިކޮށް ދިރާސާކުރާ ފަރާތްތަކަށެވެ. 

ގްރާންޓު މެނޭޖަރުންނަކީ އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ މަތީ ތައުލީމުދޭ މަރުކަޒުތަކެވެ. މިހާތަނަށް ގްރާންޓު މެނޭޖަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ ތިން މަރުކަޒެކެވެ. އެއީ ގައުމީ ޔުނިވަސިޓީއާއި އިސްލާމިކް ޔުނިވަސިޓީގެ އިތުރުން ވިލާ ކޮލެޖެވެ. 

ކިޔުންތެރިންގެ ހިޔާލު