ENGLISH
20 ނޮވެމްބަރު 2025
ގޫގުލް މަޝްރޫއަށް ހިތަދޫން 15،000 އަކަމީޓަރުގެ ބިމެއް؛ ކައުންސިލަށް މަހަކު 1.1 މިލިއަންގެ އާމްދަނީއެއް
20 ނޮވެމްބަރު 2025
|
ގޫގުލްގެ ދިވަރު މަޝްރޫއު ހިންގަން ރާވާފައިވާ ގޮތުގެ ޗާޓު، ފޮޓޯ: ގޫގުލް
އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ކުރިއަށްގެންދާ މަޝްރޫއު ހިންގުމަށް އައްޑޫ ސިޓީ ހިތަދޫން، މަހަކު 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ގޮތަށް އެ ކުންފުންޏަށް 15،000 އަކަމީޓަރުގެ ބިމެއް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއަދު ކައުންސިލުގެ ބައްދަލުވުމުގައި ފާސްކުރި ގޮތުގައި މި މަޝްރޫއު ހިންގުމަށް ހިތަދޫ ހިއްކި ބިމުން 15،000 އަކަމީޓަރުގެ ބިމެއް ދޫކުރަން ނިންމާފައިވާއިރު އެ ބިމަކީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ބިމެކެވެ. ނަމަވެސް މިހާރު ސަރުކާރުން އެދިގެން އެބިން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ.
މި ބިން ދޫކުރަން އިއްޔެ ކައުންސިލުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ އެ ބިމުގެ ކުލީގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ 1.1 މިލިއަން ރުފިޔާގެ އާމްދަނީ ކައުންސިލަށް ދޭންޖެހޭ ގޮތަށް ޝަރުތުކުރުމަށެވެ.
މި ބިން ދޫކުރުމާ ގުޅޭ ގޮތުން ކައުންސިލުގެ ޓްރާންސްޕޯޓު ކޮމިޓީން ނިންމާފައިވަނީ މި ބިން ގޫގުލްއަށް ދިނުމަށް ސަރުކާރަށް ދޫކުރާ ކަމުގައިވާނަމަ، އެ ބިމުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ބޭނުންކުރުމަށް ކައުންސިލަށް ލިބެންޖެހޭނެ ކަމަށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން ގޫގުލް "ދިވަރު"ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ 2024 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޫގުލްގެ މައި މަރުކަޒަށް ޒިޔާރަތްކުރައްވައި އެ ކުންފުނީގެ އިސްވެރިންނާއެކު ކުރެއްވި މަޝްވަރާގެ ނަތީޖާއެވެ.
މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރާ ސްޓޭޝަނަކީ، ޔޫރަޕާއި އޭޝިއާ އަދި އެފްރިކާ ގުޅުވައިދޭ ޑިޖިޓަލް ގޭޓްވޭއަކަށް ރާއްޖެ ބަދަލުކޮށްލާނެ ސްޓޭޝަނެއްކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.