ENGLISH

20 ނޮވެމްބަރު 2025

Advertisement

އެމްޕީއެލްގެ "ފަހި ޕްރޮގުރާމު"؛ ނުކުޅެދުންތެރިކަން ހުރި 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު

20 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެމްޕީއެލްގެ ފަހި ޕްރޮގުރާމުގެ ބައިވެރިންނަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހަަވާލުކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަައް ބާރުވެރިކުރުވައި އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީން އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ ޕްރޮގުރާމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުރި 40 ފަރާތަކަށް އެމްޕީއެލްއިން ވަޒީފާ ހަމަަޖައްސައި އެ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްފިއެވެ. 

އެމްޕީއެލްއިން ފެށި ފަހި ޕްރޮގުރާމު އިފުތިތާހުކޮށްދެއްވައި އެ ޕްރޮގުރާމުގެ ތެރެއިން ވަޒީފާގެ ފުރުސަތު ލިބުނު 40 ފަރާތަށް ވަަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. 

މިއަދު އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ދިން ފަރާތްތަކުގެ ތެރެއިން 35 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވަނީ މާލެއިންނެވެ. އޭގެ އިތުރަށް ދެ މީހަކަަށް ކުޅުދުއްފުށީ ޕޯޓުން އަދި ތިން މީހަކަށް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފައިވެއެވެ. 

އެމްޕީއެލްއިން ބުނި ގޮތުގައި މިހާރު އެ މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދިނީ ކޮންޓްރެކްޓު އުސޫލުންނެވެ. ނަމަވެސް އެ ކުންފުނީގައި ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބޭ ތައުލީމާ ތަޖުރިބާގެ ތެރެއިން އެ ފަރާތްތަކަށް ކުންފުނީގެ ވަޒީފާގެ އޮނިގަނޑުގެ ތެރެއިން އެމީހުންގެ ހުނަރާ އެކަށީގެންވާ ގޮތަށް ދާއިމީ ވަޒީފާ ހަމަޖެހިގެންދާނެއެވެ. 

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މިހާރުވެސް އެ ކުންފުނީގެ ދާއިމީ އޮނިގަނޑުގައި ހިމެނިގެން އެމްޕީއެލްގެ ވަޒީފާގައި ނުކުޅެދުންތެރިކަން ހުރި 30 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ ދާއިމީ މުވައްޒަފުންގެ ގޮތުގައި ކުންފުނީގެ އެކި މަގާމުތަކުގައި މަސައްކަތްކުރަމުންނެވެ. 

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސްގެ ތެރެއިން ވަޒީފާ ހަމަޖައްސައިދީ އެމީހުންނަށް އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެ ސިޔާސަތުގެ ތެރެއިން މިހާރުވެސް ނުކުޅެދުންތެރިކަން ހުރި ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު