ENGLISH
20 ނޮވެމްބަރު 2025
ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބައިނަލްއަޤްވާމީ އެވޯޑެއް
20 ނޮވެމްބަރު 2025
|
ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެވޯޑް ދިނުން. ފޮޓޯ: ޞިއްޙީ ވުޒާރާ
ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް އެވޯޑެއް ލިބިއްޖެއެވެ.
އެވޯޑް ރާއްޖެއަަށް ދިނީ، ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ޤައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް ތަންފީޒުކުރާގޮތް ދިރާސާކުރާ، ބައިނަލް އަޤްވާމީ ޖަމްޢިއްޔާއެއް ކަމުގައިވާ، "ގްލޯބަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީ.ޖީ.ޓީ.ސީ)" އިންނެވެ.
އެ ޖަމްޢިއްޔާއިން ރާއްޖެއަށް ދިނީ "އިންޓެގްރިޓީ އެވޯޑް"އެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދުއެވެ.
ރާއްޖެއަށް މި އެވޯޑް ދިނުމުގައި އެ ޖަމްޢިއްޔާއިން ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި، އެ ޖަމޢިއްޔާއިން ކޮންމެ 2 އަހަރަކުން، 1 ފަހަރުއެނޖަމްޢިއްޔާއިން ޝާޢިޢުކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަރފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް ލިބިފައިވާ ސްކޯ ހިމެނެއެވެ.
މި އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކަކީ ދެފުށްފެންނަ، އިޚްލާޞްތެރި އަދި ދުންފަތުގެ ސިނާޢަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާޔަތުތަކެއްކަން ކަށަވަރުކުރުމަށް އެ ޖަމްޢިއްޔާއިން ކުރާ ދިރާސާތަކުގެ ނަތީޖާ ހިމެނެއެވެ.
އިންޓެގްރީ އެވޯޑް ރާއްޖެއަށް ޙަވާލުކުރީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑް ގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ "ފްރޭމްވަރކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފް.ސީ.ޓީ.ސީ)" ގެ ގަވަރނަންސް ބައްދަލުވުން ކަމުގައިވާ، "ކޮންފަރެންސް އޮފް ދަ ޕާރޓީސް (ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާގައެވެ.
ދިވެހިރާއްޖެއަކީ އެފް.ސީ.ޓީ.ސީ ގެ މެންބަރު ޤައުމަކަށްވާއިރު، ކޮޕް 11 ގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންއެއް ބައިވެރިވެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ތަންފީޒުކުރަންފެށި އެންމެ މުހިއްމު ކަމަކީ ޖެނެރޭޝަނަލް ބޭންއެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިޞްލާހު ގެނެސް 2025 ނޮވެމްބަރ 1 އިން ރާއްޖޭގައި ވަނީ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށާފައެވެ.
ޖެނެރޭޝަނަލް ބޭންއާއެކު 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ އެންމެންނަށް ދުންފަތް މަނާވާނެއެވެ.