ENGLISH
20 ނޮވެމްބަރު 2025
ކޮޕް 30ގެ ހައި-ލެވެލް ސެގްމަންޓްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވައިފި
20 ނޮވެމްބަރު 2025
|
ކްލައިމެޓް ޗޭންޖާއި ގުޅޭ ބައްދަލްވުމެއް -- ފައިލް ފޮޓޯ
ބްރެޒިލްގެ، ބެލެމްގައި މިހާރު ކުރިއަށްދާ 30ވަނަ ސެޝަން އޮފް ދަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް30)ގެ ހައި-ލެވެލް ސެގްމަންޓްގައި ރާއްޖޭގެ ގައުމީ ބަޔާން ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޢަލީ ޝަރީފް އިއްވަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ކްލައިމެޓް ޗޭންޖް އެންވޯއީ ޢަލީ ޝަރީފް އިއްވެވި ބަޔާނުގައި، މި ސަމިޓު ރާވާ ހިންގުމުގައި ބްރެޒިލް ސަރުކާރުން ކުރައްވާފައިވާ އިންތިޒާމުތަކަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، މި ސަމިޓު ބޭއްވެނީ ބައިނަލްއަގްވާމީ ނުތަނަވަސް ހާލަތެއްގައިކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ބަޔާނުގައި ވަނީ މިއަހަރަކީ ޕެރިސް އެގްރިމަންޓަށް 10 އަހަރު ފުރޭ އަހަރުކަންވެސް ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން، ދޭދޭ ޤައުމުތަކުގެ ފެންވަރުގައި ނަތީޖާ ނެރުމުގެ މުހިންމުކަން މިކަމުން ދަލީލު ކޮށްދޭކަންވެސް ޢަލީ ޝަރީފް ފާހަގަ ކުރެއްވި އެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ގިނަ ވާހަކަތަކެއް ދެކެވުނު ނަމަވެސް، އަމަލީ ފެންވަރެއްގައި މަސައްކަތް ނުފެނި، އެ ފަރަގު ބޮޑުވަމުންދާ ކަމަށްވެސް ކްލައިމެޓް ޗޭންޖް އެންވޯއީ ވިދާޅުވި އެވެ. އެގޮތުން، އެތައް އަހަރެއްގެ މަޝްވަރާތަކަށް ފަހުވެސް، 1.5 ޑިގްރީގެ އަމާޒަށް ވާސިލްވުމުގައި ގައުމުތަކުން ނުކުޅެދިފައިވާކަމަށް ކްލައިމެޓް ޗޭންޖް އެންވޯއީ ވިދާޅުވި އެވެ. އެހެންނަމަވެސް، ރާއްޖެއިން މި އަމާޒަށް ވާސިލްވުމުގައި އިސް ދައުރެއް އަދާކުރަމުންދާކަމަށާއި، އެގޮތުން، ތިން ވަނަ ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ރިޕޯޓު މި އަހަރުގެ ކުރީކޮޅު ރާއްޖެއިން ހުށަހަޅާފައިވާކަން އެންވޯއީ ފާހަގަކުރެއްވި އެވެ. މި ރިޕޯޓުގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި މޫސުމީ ބަދަލުތަކަށް ހުށަހެޅިފައިވާ ސެކްޓަރުތަކަށް ލިބޭ ގެެއްލުންތައް ކުޑަކުރުމަށް 2035އާއި ހަމައަށް ފިޔަވަޅުތަކެއް ހުށަހަޅާފައިވެ އެވެ.
ދިވެހިރާއްޖޭގެ ބަޔާނުގައި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ބޭނުންވާ މާލީ ނިޒާމުތައް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް އިތުރަށް ހަރުދަނާކުރުމަށާއި، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި އެއްވަރަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ. އަދި، މޫސުމީ ބަދަލުތަކަށް ހުށަހެޅިފައިވާ ގައުމުތަކަށް ދޭ މާލީ އެހީތެރިކަމަކީ ފަސޭހަކަމާއި އަދި ޔަގީންކަމާއެކު ލިބޭ، އެ މާލީ އެހީތެރިކަމަކީ މަޝްރޫޢުތަކަށް ބިނާވެފައިވާ އެހީތެރިކަމަކަށްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ކްލައިމެޓް ޗޭންޖް އެންވޯއީ އިއްވެވި ބަޔާނުގައި އަލިއަޅުއްވާލައްވާފައިވެ އެވެ. މީގެ އިތުރުން، އެޑެޕްޓޭޝަން ފައިނޭންސަށް މިހާރު ހުށަހަޅާފައިވާ ޖުމްލަ އަދަދު 2030ވަނަ އަހަރަށް ވާން ވާއިރަށް، ތިން ގުނަ އިތުރުކުރުމަށްވެސް ރާއްޖެއިން ވަނީ ގޮވާލަައްވާފަ އެވެ.
ބަޔާން ނިންމަވާލައްވަމުން، ސްޕެޝަލް އެންވޯއި ވަނީ، ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް، ދިރިހުރުމަކީ އެންމެ މުހިންމުކަން ކަމަށާއި، މި މަޝްވަރާތަކަކީ މި ފަދަ ގައުމުތަކުގެ މިއަދާއި ކުރިމަގު ކަމަށް ވިދާޅުވެފަ އެވެ. އަދި، ރާއްޖެއިން މިކަގައި ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށާއި އަދި މިކަމުގައި އެހެން ގައުމުތަކުންވެސް އެއްބާރުލުން ދިނުމަށްވެސް އެންވޯއީ ވަނީ ގޮވާލައްވާފަ އެވެ.
އަލީ ޝަރީފް ކޮޕް30 ގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ޑެލިގޭޝަންގެ އެންމެ އިސް އޮފިޝަލުގެ ގޮތުގައެވެ. އަލީ ޝަރީފް ގެންދަވަނީ މަތީ ފެންވަރުގެ މުހިންމު އިވެންޓްތަކުގައި ގައުމު ތަމްސީލުކޮށް، ރާއްޖޭގެ ފަރާތުން ސީދާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.