ENGLISH
19 ނޮވެމްބަރު 2025
ކުޅިވަރަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ކުރެވުނު މުހިއްމު އެއް މަސައްކަތަކީ ޤާނޫނު އިޞްލާޙްކުރުން: ވަޒީރު
19 ނޮވެމްބަރު 2025
|
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ކުޅިވަރުގެ ދާއިރާއިން މިދިޔަ ދެއަހަރު ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ކުރެވުނީ މުޅި ކުޅިވަރަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުޅިވަރު ޤާނޫނު އިޞްލާޙްކުރުން ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ދެއަހަރުގެ ކާމިޔާބީގައި ކުޅިވަރުގެ ދާއިރާއާ ގުޅޭ މަސައްކަތްތައްކާ ގުޅޭގޮތުން ވަޒީރު އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ، ކުޅިވަރު ޤާނޫނު އިޞްލާޙުކުރީ ވަރަށް ގިނަ މަސައްކަތްތަކާއެކު ކަމަށެވެ.
"ކުޅިވަރުގެ ޤާނޫނު އިޞްލާޙްކުރުމަށްޓަކައި، އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން، އެސޯސިއޭޝަންތަކުގެ އެހީތެރިކަމާ އެއްބާރުލުމާއެކީގަ އަދި އެހެން ކުޅިވަރުގެ މުއައްސަސާތަކާއި، އޮލިމްޕިކް ކޮމިޓީއާ ޕެރަލިމްޕިކް ކޮމިޓީއާ، މިތަންތަނުގެ ވަރަށް ބޮޑު އެއްބާރުލުމަކާ ވެސް އެކީގަ އަޅުގަނޑުމެންނަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ މަޢުލޫމާތު އެއްކޮށް އެކަން ފަރުމާކޮށް، އަދި އެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްވެ، މިއަހަރުުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެވަނީ ޤާނޫނު ތަންފީޒުކުރައްވާފަ. " - ވަޒީރު ޢަބްދުﷲ ރާފިޢު
ކުޅިވަރުގައި މުޅި ރާއްޖެ ޝާމިލްވާގޮތަށް އިޞްލާޙުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވީ 2025 މެއި 19 ވަނަ ދުވަހުއެވެ.
ކުޅިވަރު ޤާނޫނާއެކު، ސަރަޙައްދީ އެސޯސިއޭޝަންތައް އުފެއްދުމާއި، ޕެރަލިމްޕިކް ކޮމިޓީއަށް ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ދިނުމާއި، ކުޅިވަރުގެ ޤައުމީ މަޖިލީހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ މެންބަރަކު ހިމެނޭގޮތަށް ކަނޑައެޅުމާއި، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" ވަކި އިދާރާއެއްގެ ގޮތުގައި ހިންގަން ފެށުމުގެ އިތުރުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކުޅިވަރު އާބިޓްރޭޝަން ޤާއިމްކޮށް ޢަމަލުކުރުމުގެ ބާރު ވަނީ ލިބިދީފައެވެ.
ކުޅިވަރު ޤާނޫނުގެ ސަބަބުން، ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް، އެތުލީޓުންނަށް އަދި މުޢައްސަސާތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާ ކުރިއެރުމެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ކުޅިވަރަށް ބަދަލުތައް ގެންނަން ބޭނުންވާ ކަމަށާއި، އެކަންކަން ކުރުމުގެ ދޮރު ކުޅިވަރު ޤާނޫނާއެކު ހުޅުވިފައިވާ ކަމަށެވެ. އަދި، ޢަމަލީ މަސައްކަތްތައް މިހާރު ކުރެވިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ 52 ހަފްތާ ކުޅިވަރުގެ ބޮޑެތި ކަންކަން އިޢުލާނުކުރެއްވި ކަމަށާއި، އޭގެތެރޭގައި އެތުލީޓުންގެ މުސާރަ ބޮޑުކުރުމާއި، އެތުލީޓުންނަށް އިންޝުރެންސް ހޯދޭނެ ގޮތަކަށް ކަންކަން ބައްޓަންކުރުމާއި، އަދި ރަނގަޅު ފައިނޭންޝަލް ސިސްޓަމެއް ސަސްޓެއިނަބަލް މޮޑެލްއެއްގެ ތެރެއިން އެތުލީޓުންނަށް އޭގެ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކެއް އޭރު ކަނޑައެޅިގެން ދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެގޮތުގެ މަތީން އަޅުގަނޑު ދަންނަވާނީ މިހާރު މިވަނީ އެތުލީޓުންގެ މުސާރަ ބޮޑުކުރެވި، އަދި އެތުލީޓުންނާ އޮފިޝަލުންނާ އެއްހަމައެއްގައި މުސާރަ ލިބޭނެ ގޮތަށް އެކަން ނިމި، އެ މުސާރަ މިހާރު މިވަނީ އެސޯސިއޭޝަންތަކާ ވާހަކަދައްކައިގެން، މި އަހަރު ތެރޭގައި މުސާރަ ލިބޭނެ ގޮތަށް ބައްޓަންވެ އެކަން މިވަނީ އަޅުގަނޑުމެން އެއްކޮށް ނިންމާފަ" - ވަޒީރު ޢަބްދުﷲ ރާފިޢު
ކުޅިވަރު ޤާނޫނަށް ގެނެސްފައިވާ އިތުރު މުހިއްމު ބަދަލުތަކަށް ބަލާއިރު، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބްތަކާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމުގައި ހުރި ޤާނޫނީ ފުށޫއެރުންތައް ޙައްލުކުރުމުގެ ގޮތުން އެ އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ކުޅިވަރު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.