ENGLISH
05 ޖުލައި 2025
ޤާނޫނީ ވެރިކަން ކުރިއަރުވައި ރައްޔިތުންގެ ލާބަ އާއި ދައުލަތް ހިންގެވުމުގައި ޑރ. ރަމީލާގެ ޚިދުމަތަށް ރައީސްގެ ޝުކުރު
01 ޑިސެމްބަރު 2024
|
ޑޮކްޓަރ ރަމީލާ އަށް މިނިސްޓަރ ކަމުގެ ފަތްކޮޅު ރައީސް އަރުވަނީ. -ފޮޓޯ: ރައީސް އޮފީސް
އަލާސްކަންފުޅާ އުޅުއްވަމުން ވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ދިވެހި ރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބަ އާއި ފާގަތިކަން ހޯދައިދެނިވި މަގުން، ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގެވުމުގައި އެހީތެރިވުމަށް، ޑޮކްޓަރ ޢާއިޝަތު ރަމީލާ ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާ އެކު ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަރަށް އިޚްލާޞްތެރިކަމާއެކު އެކަމަނާ އަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ ހުށަހަޅުއްވާފައިވާތީ، އެކަމަނާގެ އިސްތިޢުފާ ޤަބޫލް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ ޑޮކްޓަރ ޢާއިޝަތު ރަމީލާ ފަދަ ހީވާގި، އަމާނާތްތެރި، ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވިކަމީ، އެމަނިކުފާނު ނުހަނު އުފާފުޅުކުރައްވާ ކަމެއް ކަމަށާއި، ކުރިއަށް އޮތްތާނގައި ވެސް ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ޚިދުމަތް، ދިވެހި ޤައުމަށް ލިބޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގަ އެވެ.
މި ބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި، އަދަށްވުރެ އުފާ ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.
ޑޮކްޓަރ ޢާއިޝަތު ރަމީލާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް ފެމެލީގެ މަޤާމު ވެސް އަދާކުރައްވާފައެވެ.
ޑޮކްޓަރ ޢާއިޝަތު ރަމީލާ، ދިވެހި ސަރުކާރުގެ ޚިދުމަތް ފެއްޓެވީ 1990 ވަނަ އަހަރު، ނަރުހެއްގެ ވަޒީފާއިންނެވެ. ވޭތުވެ ދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ޚިދުމަތްތަކުގެ ދާއިރާގައި ވެސް އެ ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ދިޔައީ ލިބެމުންނެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ ޢައްޔަނު ކުރެއްވީ ނޮވެމްބަރ 17، 2023 ވަނަ ދުވަހު، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު، އެ ރޭގެ ވަގުތެއްގައެވެ.
އަލީ ·